މަދު ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ރާއްޖެއަކީ ދުނިޔޭގެ މަޝްރަހުގައި ބަސް ކިޔާ ގައުމަކަށް ހަދާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވިދާޅުވީ، އެކި ގައުމުތަކާ އޮންނަ ގުޅުންތައް ހަރުދަނާ ކުރުމަކީ ފަރުވާތެރިވާން ޖެހޭނެ ކަމެއް ކަމަށެވެ.
މިގޮތުން، ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި މި ސަރުކާރުން އިސްކުރަނީ، އަވައްޓެރިންނާއި އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ގުޅުންތައް ބިނާކުރުމުގައި ބަރޯސާވަނީ، މަޝްވަރާގެ މަތިވެރި އުސޫލުތަކާ ޑިޕްލޮމަސީގެ ހަމަތަކަށް ކަމަށާއި އެ ކަންކަމުގައި އަބަދުވެސް އިސްކަންދެނީ ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި އުފުލުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތާ އެއްގޮތަށް ރާއްޖެއަށް އިހުތިރާމުކޮށް، ރައްޔިތުންގެ މަސްލަހަތު ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރާ ކޮންމެ ގައުމަކާއެކު މަސައްކަތްކޮށްގެން މިދިޔަ އަހަރު ކާމިޔާބީތަކެއް ހޯދާފައިވާނެ ކަމަށެވެ.

ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސަލާން ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް
ދިވެހިރާއްޖެ ވަކި ގައުމަކަށް ނުވަތަ މަދު ގައުމުތަކަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ރާއްޖޭގެ މިނިވަންކަމަށް އިސްތިގުލާލަށް ދުނިޔޭގެ އިހުތިރާމް ހޯދުމާއެކު، ރާއްޖެއަކީ ދުނިޔޭގެ މަސްރަހުގައި ބަސްހިނގާ، ބަސް ކިޔާ ގައުމަކަށް ވާނީ ހަދާފައިރައީސް ޑރ.މުހައްމަދު މުއިއްޒު
މިގޮތުން، އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަން ކުރުމާއި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ނައިބު ރައީސްކަން ކުރުމަށް ރާއްޖެއަށް ފުރުސަތު ލިބުނު ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެެވެ.
ބައިނަލްއަގުވާމީ ކޯޓުތަކުގައި މިހާރު ހިނގާ މައްސަލަތަކަށް ރާއްޖޭން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ ގުޅިގެން އަދާކުރާ ރިޕޯޓިން ނިޒާމުތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން، އަވައްޓެރި އިންޑިއާއާ ގުޅުން އިންތިޚާއަށް ގޯސްވުމާއި ފަހުން އެ ގުޅުން ބަދަހިކުރަން ސަރުކާރަށް މަޖުބޫރުވުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
ހަމައެހެންމެ މި ސަރުކާރަށް ދެ އަހަރުވީއިރު ބޭރު ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ދިވެހި ރާއްޖެއަށް ލިބޭ އެހީތައް ވެސް އެހެން ސަރުކާރުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ވަނީ ދަށަށް ގޮސްފައެވެ. ބަޖެޓުގައި އަންދާޒާ ކުރާ ވަރާ ގާތަށް ވެސް ހިލޭ އެހީ ނުލިބެއެވެ.
ފާޑުކިޔާ ފަރާތްތައް މިކަންތައް ވެސް ގުޅުވަނީ ޚާރިޖީ ސިޔާސަތުގެ ފެއިލިއާއެއްގެ ގޮތުގައެވެ.