އަންނަ މާޗު މަހުން ފެށިގެން، ކޮންމެ ހޯމަ ދުވަހަކު މީޑިއާތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި، ހަރުދަނާ މީޑިއާއެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިސްލާމީ މުޖުތަމައެއްގައި ހިފަހައްޓަން ޖެހޭނެ މިންގަނޑުތައް ހިފަހައްޓައި، މައުލޫމާތު ފުރިހަމަ، ތެދު ޚަބަރު ފޯރުކޮށްދޭ މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ.
އެ ހައްގު ކަށަވަރުކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ ދައުލަތުން ފުރަތަމަ ފަހަރަށް މީޑިއާތަކަށް ފައިސާ ދޫކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން 40 މީޑިއާއަކަށް 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން މީޑިއާތަކުން ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އޮފީސް ހިންގަން ޖެހޭތީ، ކުޑަ އަގެއްގައި ތިބެވޭނެ މީޑިއާ ވިލެޖުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، މީޑިއާއާ މައުލޫމާތު ހިއްސާކުރުމަށް ވެސް މި ސަރުކާރުން މީޑިއާއާ ގާތުން މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށް ޓަކައި މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން އިރާދަކުރެއްވިއްޔާ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެދުނު 10:00އިން 11:00އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ، އެ މަނިކުފާނު ދަތުރުފުޅެއް ކުރައްވަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން ފަދަ ކަމެއް ނުވާނަމަ، އެ ބައްދަލުވުން ބާއްވަވާނެ ކަމަށެވެ.
މީގެ އިތުރުން، އަންނަ މާޗް މަހުން ފެށިގެން ކެބިނެޓުގެ ކޮންމެ ވަޒީރަކު ވެސް ހަފުތާއަކު އެއް ފަހަރު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ބައްދަލުވުންތަކުގެ ތަފުސީލު ރައީސް އޮފީހުން ހާމަކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވެރިކަމަށް ވަޑައިގަތް ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި، ސުވާލު ކުރުމުގެ ފުރުސަތު ދެއްވައިފައިވަނީ ދެ ފަހަރެއްގައެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ބައްދަލުވުން ބޭއްވެވީ ނޫސްވެރިކަމުގެ މިނިވަން ދުވަހާ ގުޅުވައި، މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހެވެ.
ގާތްގަނޑަކަށް 15 ގަޑިއިރަށް ދިގުދެމިގެންދިޔަ އެ ބައްދަލުވުމުގައި ރައީސް ވަނީ ނޫސްވެރިންނާ ބައްދަލުކުރެއްވުން އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން އެ މަނިކުފާނު ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވަވައެވެ.
ރައީސާއި މި ސަރުކާރުގެ ގިނަ މިނިސްޓަރުން ވެސް މީޑިއާއާ ބީރައްޓެހި ކަމުގެ ޝަކުވާ މީގެ ކުރިން ބޮޑުވެފައިވެއެވެ.
މީގެ އިތުރުން، މި ސަރުކާރުން ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށް، މީޑިއާ ބިލެއް ފާސްކުރަން އުޅުމުން ނޫސްވެރިން އިހުތިތާޖުކޮށް ރައީސާ ވެސް ބައްދަލުކުރިއެވެ. އެއަށްފަހު މި ސަރުކާރުން ބިލަށް ބަދަލުތައް ގެނައި ނަމަވެސް، އެ ބިލު ފާސްކޮށް، ކުރީގައި އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ ބަދަލުގައި އައު ކައުންސިލެއް ވަނީ އުފައްދައިފައެވެ.
އެ ކައުންސިލްގެ ބައެއް ނިންމުންތަކަށް ވެސް ދާދި ފަހުން ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.