ޕެންޝަން އޮފީހުން ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތުގެ ސަބަބުން ދައުރުވާ ދިވެހި ފައިސާ އިތުރުވެ, އިންފްލޭޝަން މަތިވެދާނެ ކަމަށާއި މި ދަނޑިވަޅުގައި މިކަން ކުރަން މިޖެހުނު ސަބަބު, މަރުކަޒީ ބޭންކް އެމްއެމްއޭއަށް ބުނެދެވިފައިނުވާ ކަމަށް، އެކަމާ ގުޅިގެން އިހުތިޖާޖުކުރުމަށް ޕެންޝަން އޮފީހުގެ އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ މަގާމުން އިސްތިއުފާ ދެއްވި ސަރުވަޝް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ޕެންޝަން އޮފީހުން ހިންގަން އުޅޭ މުއާމަލާތާ ގުޅިގެން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަނިކޮށް އިއްޔެ ނެރުނު ބަޔާނެއްގައި އެ އޮފީހުން ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ނުވަތަ ފައިދާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "ޑުއަލް ކަރަންސީ" ޓްރެޒަރީ ބޮންޑެއްގައި 2.4 ބިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ކަމަށެވެ.
ޕެންޝަން އޮފީހުން ބުނި ގޮތުގައި މި މުއާމަލާތުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެން ދިއުމެވެ. މީގެ އިތުރުން، މިހާރު ހުރި ބައެއް ޓްރެޒަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، ޕޯޓްފޯލިއޯގެ އެވަރެޖް ޑިއުރޭޝަން ދިގުވެ، ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމަށް ވެސް ފާހަގަކުރެއެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ސަރުވަޝް ވިދާޅުވީ އޭނާގެ އިސްތިއުފާގެ ސިޓީގައި ވެސް ބަޔާންކުރި އެއް ވާހަކައަކީ ޕެންޝަން އޮފީހުން ހިންގަން އުޅޭ މުއާމަލާތަކީ، މާކެޓް ޓްރާންސެކްޝަންއެއް ކަމަށްވާނަމަ އެކަމުގައި މައްސަލައެއް ނެތްކަން ކަމަށެވެ.
މައްސަލައަކަށް ވަނީ މިއީ އެމްއެމްއޭ ބައިވެރިވާ ހިސާބުން މާކެޓް ޓްރާންސެކްޝަނަކަށް ނުވާތީކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެމްއޭއިން ފައިސާ ނެރުނީމާ، ފައިސާގެ ސަޕްލައި އިތުރުވަނީކަމަށާއި އެ ކަން ބެލެވޭނީ ވެސް ފައިސާ ޗާޕުކުރުމުގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އިގްތިޞާދަށް އިތުރު ނުރައްކާތަކެއް ކުރިމަތިވާ ކަމެއް ކަމަށާއި، އެ ކަމަށް ނުވިސްނައި ސެކަންޑްރީ މާކެޓް މެދުވެރިކޮށް ކުރާ ކަމެއް ކަމަށް ބުނެ މި މުއާމަލާތް ހިންގެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އެދުނު ގޮތަށް ޕެންޝަން ފަންޑުގެ ނިންމުން ނިންމިއިރު ޕެންޝަން ބޯޑުގައި މިހާރު ތިއްބެވި ބޭފުޅުން---
އޭނާ ވިދާޅުވީ މި ކަން ކުރަން ހުއްޖަތެއްގެ ގޮތުގައި ދައްކަން ޕެންޝަން އޮފީހަށް ބުނެދެވޭނެ ބައިވަރު ކަންކަން ހުންނާނެ ކަމަށާއި، އެގޮތުން އިއްޔެ ނެރުނު ބަޔާނުގައި ހުރި ކަންކަމަކީ ވެސް ގޯސް ވާހަކަތަކެއް ނޫން ކަމަށެވެ.
"އޭގެ ތެރެއިން އެއްކަންތައް މިއީ ޑޮލަރުން ރިޓާން ލިބުން. ޕޯޓްފޯލިއޯ ވެސް ސްޓްރަކްޗާ ކޮށްފައި އޮންނާނީ ނޮމިނަލް ރިޓާންއެއް ލިބޭގޮތަށް. އެހެންވީމާ އެ އޭންގަލްއިން ބަލާއިރު އެއީ މައްސަލައެއްނޫން. އެހެންނަމަވެސް މީގައި އިންވެސްޓަރަކީ، ސެކަންޑްރީ މާކެޓަކަށް މި އަންނަނީ އެމްއެމްއޭކަމަށް ވާތީ އުފެދޭ ރިސްކްތަކެއް ހުރެފައި އެ ރިސްކްތަކުގެ ސަބަބުން ޕެންޝަން ޕޯޓްފޯލިއޯގައި ވެލިއު ދަށްވެގެން ހިނގައިދާނެ ރިސްކްތަކެއް ވެސް އެބަހުރި،"
އޭނާ ވިދާޅުވީ މި ވަގުތު ބޭނުންވަނީ ކޮންޓްރެކްޝަން މަނިޓަރީ ޕޮލިސީއެއް ކަމަށެވެ. ސަބަބީ މިއީ އިގްތިޞާދުގައި ދައުރުވާ ދިވެހި ފައިސާގެ އަދަދު ގިނަ ވަގުތެއް ކަމަށްވުމުން، ފައިސާ މޮޕްއަޕް ކުރަން ޖެހޭ ވަގުތަކަށްވާތީ ކަމަށް ވިދާޅުވިއެވެ.
ކޮންޓްރެކްޝަން ޕޮލިސީ ގެންގުޅުމަކީ އިގްތިޞާދީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް އެމްއެމްއޭއިން ވެސް ބުނަމުން އައިސް، އިގްތިޞާދަށް އަނެއްކާ ވެސް އިތުރު ރުފިޔާ ވަންނަ ފަދަ އެކްސްޕޭންޝަނަރީ ސިޔާސަތެއް ކުއްލިއަކަށް ގެންނަން ޖެހުނު ސަބަބު ވެސް އެމްއެމްއޭއަށް ބުނެނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ވަގުތަށް އެންމެ ރަނގަޅު ޕޮލިސީއެއް ވެސް ނޫން އެއީ. ހަމަ އަދިވެސް ކޮންޓްރެކްޝަނަރީ ޕޮލިސީއެއް ގެންގުޅެން ޖެހެނީ،" އެކްސްޕޭންޝަރީ މަނިޓަރީ ޕޮލިސީއަކީ ހާލަތާ ނުބައްދަލު ސިޔާސަތެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.
ސަރުވަޝް ވިދާޅުވީ މިއީ ކޮވިޑް19 ފަދަ ހާލަތެއް ނޫން ކަމަށެވެ. އަދި އިގްތިޞާދު ކުރިއަރަމުން އަންނައިރު މިވަގުތު ފައިސާ ދައުރުވާ މިންވަރު އިތުރުކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް ފައިސާ ދައުރުކުރާ މިންވަރު އިތުރުކުރާނަމަ އިންފްލޭޝަންގެ ރިސްކު އެބައޮތް ކަމަށް ވިދާޅުވިއެވެ.
އިންފްލޭޝަން އިތުރުވާ ބައިވަރު ސަބަބުތައް ހުރި ނަމަވެސް، މި ކަމުގެ ސަބަބުން ވެސް އެ ރިސްކު އޮއްވައި، އެކަމުން އަރައިގަންނާނެ ގޮތާއި، މިކަން މި ވަގުތު ކުރަންޖެހޭ ސަބަބެއް އެމްއެމްއޭއަށް ބުނެނުދެވުމަކީ މި ފަދަ ކަމެއް ކުރަން އެއްބަސްވާން ދަތިވާ ސަބަބު ކަމަށް ސަރުވަޝް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކަން ކުރަން މަސައްކަތްކުރާ ސަބަބަކީ ބަޖެޓަށް ފައިސާ ހޯދުން ކަަމަށެވެ. އެހެންކަމުން އެކަން ކުރުމަށް ޓަކައި މި މުއާމަލާތް ހިންގުމުގެ ބަދަލުގައި ސަރުކާރުގެ ޚަރަދުކުޑަކޮށް ފައިސާ ސަލާމަތްކުރެވޭނެ ގޮތްތަކެއް ހޯދުމަކީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ ވީހާ ވެސް ބޮޑަކަށް ބަޖެޓަށް ފައިނޭންސިން އަންނަންޖެހޭ މިންވަރު ކުޑަކުރެވެން އޮތް ހުރިހާ ކަމެއް ކުރަންޖެހޭ. އެކަން ކޮށްފައި އެހެން ގޮތަކަށް ވިސްނަންވާނީ. ދެން ދެވަނަ ކަމަކީ މަނިޓަރީ ޕޮލިސީއާއި ފިސްކަލް ޕޮލިސީގެ ކޯޑިނޭޝަން ވެސް އަންނަންޖެހޭ،"
އޭނާ ވިދާޅުވީ އެކްސްޕޭންޝަނަރީ ފިސްކަލް ޕޮލިސީއެއްގައި އިގްތިޞާދަށް އަންނަ ޝޮކު ގޯސްވާނެ ކަމަށެވެ. އެހެންކަމުން މަނިޓަރީ ޕޮލިސީ އޮންނަންވާނީ ފިސްކަލް ޕޮލިސީއިން ދިމާވާ ކަންކަމަށް ހައްލު އަންނަގޮތަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ވަގުތު އެ ނުރައްކާ ވަނީ ބޮޑު ކަމަށް ޝަރުވަޝް ވިދާޅުވިއެވެ.
މި މުއާމަލާތް ހިންގަން އުޅުމުން އެ ކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި، ސަރުވަޝްއާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އެ ބޭފުޅުން އިސްތިއުފާ ދެއްވައިފަވަނިކޮށް ސަރުކާރުން ބޭނުންވި ގޮތަށް ފަންޑުގެ ފައިސާ ބޭނުން ކުރަން, މިހާރު އޮތް ޕެންޝަން އޮފީހުގެ ބޯޑުން މިދިޔަ ހޯމަ ދުވަހު ވަނީ ފާސްކޮށްފައެވެ.
ގިނަ ބަޔަކު މިކަމުގައި އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.