ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޮސްޓްރޭލިއާގެ މެލްބަން އާއި ހުޅުލެއާދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.
މިއީ އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަން ފެށި ފުރަތަމަ ފަހަރެވެ. މި ތާރީޚީ ދަތުރުތައް ފެށުމަށް ޓަކައި މޯލްޑިވިއަންގެ އޭ330 މަރުކާގެ ބޯޓު މިހާރު ވަނީ ފުރާފައެވެ.
މޯލްޑިވިއަން އިން ހާމަކުރި ގޮތުގައި، މި ދަތުރުތަކަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ކުރަމުން އައީ ޓްރާންސިޓް ދަތުރުތަކެއް ނަމަވެސް، އަލަށް މި ފެށުނު ސީދާ ދަތުރުތަކާއެކު ދަތުރުވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ޚާއްސަކޮށް އޮސްޓްރޭލިއާއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ދުވަސްވަރާ ދިމާކޮށް މި ދަތުރުތައް ފެށުމަކީ ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެއެވެ.

މޯލްޑިވިއަން އިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމުގެ ތެރެއިން... ފޮޓޯ: މޯލްޑިވިއަން
މި ދަތުރުތައް ފެށުމަށް ޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ނިންމައި، ދެ ގައުމުގެ އޭވިއޭޝަން އޮތޯރިޓީތަކުގެ މެދުގައި މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗް މަހުގެ 19 ވަނަ ދުވަހެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި އެއާލައިންތަކަށް ދަތުރުކުރުމުގައި އޮތް ހުރިހާ ހުރަސްތަކެއް ނައްތާލެވިފައިވާ ކަމަށެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި، މި އައު ދަތުރުތަކުގެ ސަބަބުން އޮސްޓްރޭލިއާގެ ފަތުރުވެރިންނަށް އެއްވެސް މަޑުކުރުމެއް ނެތި ސީދާ ރާއްޖެއަށް އައުމުގެ މަގު ފަހިވެ، ރާއްޖޭގެ އެތެރޭގެ އުދުހުންތަކާ ގުޅާލުމަށް ވެސް ފަސޭހަވެގެންދާނެއެވެ. މިއީ ދުރު ރާސްތާގެ ދަތުރުތަކުގައި ރާއްޖެއިން ހާސިލްކުރި ފަޚުރުވެރި ކާމިޔާބީއެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށާނެކަން މޯލްޑިވިއަން އިން އިއުލާނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައެވެ.
މި ދަތުރުތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުންނާއި ގައުމީ އެއާލައިނުން އުންމީދު ކުރެއެވެ.