އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށް ރިލީޒްކުރާނެކަން ކުރިން އިއުލާނުކުރި އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "ދަމާލް 4" ރިލީޒްކުރާ ތާރީޚު ފަސްކޮށްފިއެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ހޯދަމުން އަންނަ "ދަމާލް"ގެ ފްރެންޗައިސްގެ ދަށުން ގެނެސްދޭ ހަތަރު ވަނަ ފިލްމު މީގެކުރިން ސިނަމާތަކަށް ގެންނާނެ ކަމަށް ބުނެފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށެވެ.
އެހެންނަމަވެސް ފިތުރު އީދާ ދިމާކޮށް އިންޑިއާގެ ވަރަށް ބޮޑު ދެ ފިލްމެއް ރިލީޒް ކުރާތީ އަޖޭ ވަނީ ފިލްމު "ދަމާލް 4" ރިލީޒްކުރުން އަންނަ އަހަރުގެ މެއި މަހަށް ބަދަލުކޮށްފައެވެ. މެއި މަހަކީ މުސްލިމުންގެ އަޟްހާ އީދު ދުވަސް ވެސް ފާހަގަކުރާ މަހެވެ. މި މަހު ފިލްމު ރިލީޒްކުރާނެ ކަމަށް ނިންމި ނަމަވެސް ސިނަމާތަކަށް ފިލްމު ގެނެސްދޭނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

"ދަމާލް 4"ގެ ކާސްޓުން ފެންނާނެ ބައެއް ތަރިން--ފޮޓޯ/ހިންދުންސްތާންޓައިމްސް
އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށް ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމުތަކުގެތެރޭ ބޮކްސް އޮފީހުގައި މިހާރުވެސް ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ދުރަންދާރް"ގެ ދެވަނަ ބައި އަދި ފިލްމު "ކޭޖީއެފް"ގެ އެކްޓަރު ޔަޝްގެ "ޓޮކްސިކް" ހިމެނެއެވެ.
އަޖޭ އަކީ އަބަދުވެސް ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ނިންމުންތަކަށް އިހުތިރާމްކުރާ އެކްޓަރެއް ކަމަށާއި އެހެންވެ އަޖޭގެ ފިލްމުގެ ހިޔަނި އަދިތަޔަ ދާރު އަދި އެކްޓަރު ޔަޝްގެ ފިލްމަށް އެޅެން ބޭނުންނުވާ ކަމަށް އަޖޭގެ ޓީމާ ހަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ހަމައެއާއެކު ފިލްމު "ދުރަންދާރް"އަށް މިހާރު ލިބެމުން އަންނަ ތަރުހީބަށް ބަލާފައި އެ ފިލްމުގެ ދެވަނަ ބަޔަށް ގިނަ ބަޔަކު އިންތިޒާރުކުރާނެތީ އަދިތިޔަގެ ފިލްމުގެ ހިޔަނި އަޖޭގެ ފިލްމަށް އެޅެން ވެސް އެކްޓަރު ބޭނުންނުވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ޓީ-ސީރީސްއިން އިންދަރު ކުމާރު ޑައިރެކްޓްކޮށް ގެނެސްދޭ "ދަމާލް"ގެ އެންމެ ފަހު ފިލްމު ސިނަމާތަކަށް ގެނެސްދީފައި ވަނީ 2019 ވަނަ އަހަރެވެ. ފިލްމު "ދަމާލް 4"ގެ މުހިއްމު ތަރިންގެތެރޭ އަރުޝަރު ވަރްސީ، ޖާވިދް ޖެފްރީ، ރިތޭޝް ދޭޝްމުކްގެ އިތުރުން އަޖޭ ދޭވްގަން ހިމެނެއެވެ.