ޕަންކަޖު ޕްރޮޑިއުސްކޮށް ގެނެސްދިން ވެބް ސީރީސްގެ ސީކުއަލްއެއް އުފައްދަނީ

ބޮލީވުޑްގެ އެކްޓަރު ޕަންކަޖު ޓްރިޕާތީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ހުނަރުވެރި އެކްޓަރު ޕަންކަޖު ޓްރިޕާތީ ޕްރޮޑިއުސްކޮށް ގެނެސްދިން ސީރީސް "ޕާފެކްޓް ފެމިލީ"ގެ ސީކުއަލްއެއް އުފައްދަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

ޔޫޓިއުބް މެދުވެރިކޮށް ގެނެސްދިން "ޕާފެކް ފެމިލީ" ސީރީސް އަކީ ޕަންކަޖު ފިލްމު ޕްރޮޑަކްޝަންއާ ގުޅުމަށްފަހު ޕްރޮޑިއުސްކޮށް ގެނެސްދިން ފުރަތަމަ ޕްރޮޖެކްޓެވެ.

އާއިލާއެއްގެތެރޭ ހިނގާ ހަމަނުޖެހުންތައް ހައްލުކުރުމަށް އެ އާއިލާގެ މެމްބަރުން ގުޅިގެން ކުރާ މަސައްކަތްތައް ދައްކުވައިދިން މި ސީރީސް ގެނެސްދިނީ މުޅިއެކު އަށް އެޕިސޯޑުގެ މައްޗަށެވެ. މި ސީރީސްގެ ޕްރޮޑަކްޝަން ޓީމުގައި ޕަންކަޖުގެ އިތުރުން އަޖޭ ރާއި ވެސް ހިމެނެއެވެ. ސަޗިން ޕަތިކް ޑައިރެކްޓްކޮށް ގެނެސްދިން މި ސީރީސް ޔޫޓިއުބްގައި ޕްރީމިއަކޮށްފައި ވަނީ މިދިޔަ މަހުގެ 27ގައެވެ.

"ޕާފެކްޓް ފެމިލީ"ގެ ކާސްޓުގައި ހިމެނޭ ތަރިން ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ޕަންކަޖުއާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ މި ސީރީސްގެ ސީކުއަލްއެއް އުފައްދަން ނިންމީ ބެލުންތެރިންގެ ފަރާތުން "ޕާފެކްޓް ފެމިލީ"އަށް ލިބުނު ހޫނު ތަރުހީބަށް ބަލާފައި ކަމަށެވެ.

ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ޕަންކަޖްގެ ފުރަތަމަ މަސައްކަތަށް ބެލުންތެރިންގެ އެހާބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދުނުކުރާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ނަމަވެސް މި ސީރީސްގެ ވާހަކަ ބިނާކޮށްފައިވާ މައުޟޫއަށް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބަށް ބަލާފައި ސީކުއަލް އަދި މާ ޝައުގުވެރިކޮށް ގެނެސްދޭން ނިންމާފައިވާ ކަމަށް ޕަންކަޖު ވަނީ ބުނެފައެވެ.

މި ސީރީސްގެ ފުރަތަމަ ސީޒަންގެ ކާސްޓުންގެތެރޭ ގުލްޝަން ދެވިއާ، ނެހާ ދޫޕިއާ، މަނޯޖް ޕާހްވާ، ސީމާ ޕާހްވާ އަދި ގިރިޖާ އޯކް ހިމެނެއެވެ. މި ސީރީސްގެ ފުރަތަމަ ސީޒަން ޔޫޓިއުބް މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލެވޭނީ 59 ރުޕީސް އެޕިސޯޑަކަށް ދެއްކުމުންނެވެ.

comment ކޮމެންޓް