އެމެޒޯން ޕްރައިމްގެ މަގުބޫލު ސީރީސް 'ފޯ މޯ ޝޮޓްސް ޕްލީޒް'ގެ ޓްރެއިލާ އާއްމުކޮށްފި

އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދެމުން އަންނަ މަގުބޫލު ވެބް ސީރީސް "ފޯ މޯ ޝޮޓްސް ޕްލީޒް"ގެ އެންމެ ފަހު ސީޒަންގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ޒުވާން ހުސްހަށިބައި ހަތަރު އަންހެނުންގެ ދިރިއުޅުމުގެ ވާހަކަތަކެއް ކިޔައިދޭ މި ވެބް ސީރީސް އަކީ 2019 ވަނަ އަހަރުން ފެށިގެން އެމެޒޯން ޕްރައިމްއިން ގެނެސްދެމުން އަންނަ ސީރީސްއެކެވެ.

މި ސީރީސްގެ ޓްރެއިލާ ރިލީޒްކުރަމުން "ފޯ މޯ ޝޮޓްސް"ގެ ޕްރޮޑަކްޝަން ޓީމުން ބުނެފައި ވަނީ އޭގައި ގެނެސްދޭ ހަތަރުން އަންހެނުންގެ ކެރެކްޓާ ކިޔައިދެމުން އައި ވާހަކަ އެންމެފަހުން ނިންމާލުމުގެ މަރުހަލާ ފެށިއްޖެ ކަމަށެވެ.

މި ސީރީސްގެ ކާސްޓުންގެތެރޭ ހިމެނެނީ ވަރަށް ގިނަ ވެބް ސީރީސްތަކުންނާއި ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ތަރިން ކަމަށްވާ މާންވީ ގަގްރޫ، ބާނީ ޖޭ، ސަޔާނީ ގުޕްތާ އަދި ކީރްތީ ކުލާރީއެވެ. މީގެއިތުރުން ޑީނޯ މޯރިއާ، އުރްފީ ޖާވެދު، ނީރަޖް ކަބީ އަދި ކުނާލް ރޯއި ކަޕޫރު ވެސް މިފަހަރުގެ ސީޒައިން ފެންނާނެއެވެ.

"ފޯ މޯ ޝޮޓްސް ޕްލީޒް"ގެ މަންޒަރެއްގައި އެ ސީރީސްގެ ކާސްޓުން--ފޮޓޯ/ފިލްމުފެއަ

ހަތަރު ވަނަ ސީޒަން ގެނެސްދޭނީ ޓުވިސްޓަކާ އެކު ކަމަށާއި އެ މީހުންގެ ދިރިއުޅުމުގެ މުޅީން އާ ސޮފްހާއެއް ފަހު ސީޒަންއިން ބެލުންތެރިންނަށް ފެންނާނެ ކަމަށް އެމެޒޯން ޕްރައިމްއިން ވަނީ ބުނެފައެވެ.

ރަންގީތާ ޕްރިތިޝް ނެންދީ އުފައްދާ ގެނެސްދެމުން އަންނަ "ފޯ މޯ ޝޮޓްސް"ގެ ޑައިރެކްޓަރަކީ އަރޫނިމާ ޝަރުމާއެވެ. މި ސީރީސްގެ ފުރަތަމަ ސީޒަން ޕްރީމިއާކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އޭގެ ފަހުން 2020ގައި ދެވަނަ ސީޒަން ގެނެސްދިންއިރު ތިން ވަނަ ސީޒަން ގެނެސްދިނީ 2022ގައެވެ.

comment ކޮމެންޓް