އޭއާރް ރަހްމާންގެ މިއުޒިކް ޝޯއެއް 13 އަހަރަށްފަހު ކޮލްކަތާގައި ބާއްވަނީ

އިންޑިއާގެ މަޝްހޫރު މިއުޒީޝަން އޭއާރް ރަހްމާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ މަޝްހޫރު މިއުޒީޝަން އޭ އާރް ރަހްމާންގެ ހާއްސަ މިއުޒިކް ޝޯއެއް ކޮލްކަތާގައި ބާއްވާނެކަން އިއުލާނުކޮށްފިއެވެ.

މި ޝޯ އަކީ އޭ އާރް ރަހްމާންގެ "ދަ ވޮންޑަމެންޓް ޓުއާ"ގެ ދަށުން ކޮލްކަތާގައި ބާއްވަން ނިންމާފައިވާ ޝޯއެކެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހު ބާއްވަން ހަމަޖެހިފައިވާ މި ޝޯ އަކީ ކޮލްކަތާގައި އޭއާރް ރަހްމާންގެ މިއުޒިކް ޝޯއެއް ނުބާއްވާތާ 13 އަހަރަށްފަހު ބާއްވާނެ ފުރަތަމަ މިއުޒިކް ޝޯއެވެ.

އޮސްކާ އެވޯޑު ވެސް ކާމިޔާބުކޮށްފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާގެ މިއުޒިކް ޝޯއެއް ކޮލްކަތާގައި ބާއްވާނެކަން ރަސްމީކޮށް އިއުލާނުކޮށްފައިވީ ނަމަވެސް އެއީ ކޮން ތާރީޚެއްކަން އިއުލާނެއް ނުކުރެއެވެ.

އޭއާރް ރަހްމާންގެ "ދަ ވޮންޑަމެންޓް ޓުއާ"ގެ ދަށުން މުމްބާއީ އަދި ނޯތު އެމެރިކާގައި މި އަހަރުގެ ޖުލައި މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ޝޯތަކެއް ވަނީ ބާއްވާފައެވެ. ކޮލްކަތާގައި ބާއްވާ މިއުޒިކް ޝޯގައި އޭއާރް ރަހްމާންގެ މިއުޒިކީ ކެރިއަރުގެ އެންމެ މަގުބޫލު ލަވަތައް އޯޑިއަންސަށް ގެނެސްދޭނެކަމަށް އޭނާގެ ޓީމުން ވަނީ ބުނެފައެވެ.

އޭއާރް ރަހްމާން ލައިވް ޝޯއެއްގައި ޕާފޯމް ކުރަނީ--ފޮޓޯ/ފިލްމުފެއަ

މި ޝޯގެ ޓިކެޓް ޒޮމާޓޯ މެދުވެރިކޮށް ބެލުންތެރިންނަށް ގަނެވޭނެކަމަށް ވެސް ލަވަކިޔުންތެރިޔާގެ ޓީމުން ވަނީ ބުނެފައެވެ. ކޮލްކަތާގައި ބާއްވާ މިއުޒިކް ޝޯތަކަށްފަހު އޭއާރް ރަހްމާން ދެން ތައްޔާރުވާނީ އިންޑިއާގެ ޗެންނާއީގައި ޝޯތަކެއް ދިނުމަށެވެ. ޗެންނާއީގައި ބާއްވާ މިއުޒިކް ޝޯތައް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މިހާތަނަށް ހަތް ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ މިއުޒިކް ކޮމްޕޯސަރަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ ލޯތްބާއި ތަރުހީބު ހޯދަމުން އަންނަ މިއުޒީޝަނެކެވެ. އޭއާރް ރަހްމާން އެންމެފަހުން މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ ދާދިފަހުން ސިނަމާތަކުގައި ރިލީޒްކުރި ލޯބީގެ ފިލްމު "ތެރޭ އިޝްޤް މޭ"އަށެވެ.

comment ކޮމެންޓް