ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މުޅި ޅ. އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.
މުޅި އެ އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާވީ، ޅ. އޮޅުވެލިފުށީގައި ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް މިއަދު ފެށުމާ އެކީގައި ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި ބީއެމްއެލްގެ ޗެއާޕާސަން އަލީ ހަބީބާއި އެ ބެންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، އޮޅުވެލިފުށީގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމުން ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްވެފައިވާ ކަމަށެވެ.

އޮޅުވެލި ފުށީގައި ބީއެމްއެލްއިން ބެހެއްޓި އޭޓީއެމް: މުޅި އެ އަތޮޅަށް ވަނީ އެ ޚިދުމަތް ފުޅާކޮށްފައި --- ފޮޓޯ/ ބީއެމްއެލް
މިއީ ވަރަށް ޚާއްސަ ކާމިޔާބެއް ކަމަށާއި އޮޅުވެލިފުށީގައި އޭޓީއެމް ޚިދުމަތް ފެށުމާއެކު، ހއ. ތުރާކުނުން ފެށިގެން މާލެއާ ހަމައަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ބެންކުގެ އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑިވެސް ހާސިލުވެފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗާއި 193 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 251 އޭޓީއެމް ބީއެމްއެލްއިން ވަނީ ގާއިމުކޮށްފައެވެ.
އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު، އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބެންކުން ބުނެފައިވެއެވެ.