"އޮޑިޓްތަކުގެ ފެންވަރު ގަވައިދުން ނުބަލާނަމަ ހީވެސްނުކުރާ ފަދަ ގެއްލުމެއް ލިބިދާނެ"

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމާ ސަލާމްކުރައްވަނީ --- ފޮޓޯ: ސީއޭ މޯލްޑިވްސް

އޮޑިޓަރުން ކުރާ އޮޑިޓުތަކުގެ ފެންވަރު ގަވައިދުން ޗެކްކުރަންޖެހޭ ކަމަށާއި، އެހެން ނޫން ނަމަ، ހީވެސްނުކުރާހާ ބޮޑެތި ގެއްލުންތައް ވުން އެކަށީގެންވާ ކަމަށް، ޗާޓާޑް އެކައުންޓަންޓްސް އިންސްޓިޓިއުޓް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

ސީއޭ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ދިވެހި އެކައުންޓަންޓުންގެ ފޯރަމް އިފްތިތާހުކުރައްވައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީއާއި ޓެކުހުގެ އަދަދު ބިނާވަނީ އޮޑިޓަރުން ކޮށްފައިވާ އޮޑިޓުތަކުގެ މާލީ ހިސާބުތަކުގެ މައްޗަށް ކަމަށެވެ. އެހެންކަމުން މާލީ ހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުން އަމަލުކޮށްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށްތޯ ބެލުމަކީ ދައުލަތަށް ލިބޭ އާމްދަނީގެ އިންސާފުވެރިކަން ޔަގީންކުރުމަށް ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސީއޭ މޯލްޑިވްސްގެ ދިވެހި އެކައުންޓަންޓުންގެ ފޯރަމްގެ ބައިވެރިން --- ފޮޓޯ: ސީއޭ މޯލްޑިވްސް

ބޭންކުތަކުން ދޫކުރާ ލޯނުތަކާއި ކުންފުނިތަކުން ދޭ ކްރެޑިޓް ބިނާކުރެވެނީ ކުންފުނިތަކުގެ މާލީ ހިސާބުތަކުގެ މައްޗަށް ކަމުން އެ ހިސާބުތައް އޮޑިޓްކޮށްފައިވަނީ ރަނގަޅަށްކަން ޔަގީންކުރުމަކީ އެހެން ގައުމުތައް ފަދައިން ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު އުފެއްދުމަށް ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ހަލީމް ފާހަގަކުރެއްވިއެވެ.

ހަލީމް ވިދާޅުވިގޮތުގައި ރާއްޖޭގެ ކެޕިޓަލް މާކެޓާއި ސްޓޮކް އެކްސްޗޭންޖުގައި އިންވެސްޓްކުރުމުގެ އެކި ހަރަކާތްތައް އިތުރުވަމުން އަންނައިރު، އެފަދަ އިންވެސްޓްމަންޓްތަކަށް ހުއްދަދީ އެ އިންވެސްޓްމަންޓްތަކުގެ ސައްހަކަން ބެލުމަށް ޓަކައި ބޭނުންކުރަނީ އޮޑިޓަރުން އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ބަޔާންތަކެވެ.

އެހެންކަމުން އޮޑިޓަރުން ކުރާ އޮޑިޓްތަކުގެ ފެންވަރު ގަވައިދުން ޗެކްކުރަންޖެހޭ ކަމަށާއި، އެހެންނޫން ނަމަ ހީވެސްނުކުރާ ފަދަ ގެއްލުންތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސީއޭ މޯލްޑިވްސްގެ ދިވެހި އެކައުންޓަންޓުންގެ ފޯރަމްގެ ކީނޯޓް ސްޕީކަރުން މައުޟޫއަކަށް އަލިއަޅުވާލައްވަނީ، މެދުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ ---- ފޮޓޯ: ސީއޭ މޯލްޑިވްސް

ކޮންމެ އަހަރަކު ވެސް ސީއޭ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ އެކައުންޓަންޓުންގެ ފޯރަމްގެ މި އަހަރުގެ ފޯރަމް އޮންނާނީ މިއަދާއި މާދަމާ، ހެނދުނު 8:30އިން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެންނެވެ. އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ފޯރަމްގައި އެކި ދިވެހި އެކައުންޓަންޓުންނާއި ވިޔަފާރިތައް ކުރިއަރުވާ މީހުން ހިމެނޭހެން 300 ބައިވެރިން ބައިވެރިވިކަމަށް، ސީއޭ މޯލްޑިވްސް އިން ބުންޏެވެ.

މި އަހަރުގެ ފޯރަމްގައި އެކި މައުޟޫއުތަކާ ގުޅޭގޮތުން 35 ބޭފުޅަކު މައުލޫމާތު ދެއްވާނެއެވެ.

އޭގެ ތެރޭގައި މީރާގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާއާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުހައްމަދު އަނަސްއާއި، އެކި މަޤާމުތަކުގައި ދައުލަތަށް ޚިދުމަތްކޮށްދެއްވި މާލީ ކަންކަމުގެ ތަޖުރިބާކާރު އިބްރާހީމް އާތިފް ޝަކޫރުގެ އިތުރުން ފިނޭންސް މިނިސްޓްރީއާއި ރާއްޖޭގެ ބޭންކްތަކުގެ ބައެއް ބޭފުޅުން ހިމެނެއެވެ.

comment ކޮމެންޓް