އައްޑޫ ކައުންސިލް ވޯޓު: ހުޅުދުއާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމާ ގުޅޭ ސުވާލު އުނިކޮށްފި

ރައީސް ހުޅުދުއާއި މީދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔުން: އައްޑޫގެ ތިން ރަށުގެ ކައުންސިލާ ގުޅޭގޮތުން ރައްޔިތުންނާ ކުރާ ސުވާލުތަކަށް ރައީސްގެ އިސްލާހެއް -- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތާ ގުޅޭ ގޮތުން ތިން ރަށެއްގައި ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި ރައްޔިތުންނާ ކުރާ ސުވާލުތައް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްލާހު ކުރައްވައިފިއެވެ.

އެ ސުވާލުތައް އިސްލާހު ކުރައްވާފައި ވަނީ، އެ މަނިކުފާނުގެ ޚާއްސަ ގަރާރަކުންނެވެ.

އައްޑޫ ކައުންސިލް ވޯޓާ ގުޅޭ ގޮތުން ރައީސް އެންމެ ފުރަތަމަ ނެރެއްވި ގަރާރުގައި ނިންމަވައިފައި ވަނީ، ހުޅުދުއާއި މީދޫގެ ރައްޔިތުންނަށް ދެ ސުވާލެއް ދިނުމަށާއި، ފޭދޫ ރައްޔިތުންނަށް އެއް ސުވާލު ދިނުމަށެވެ.

ހުޅުދުއާއި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދަން އޮތީ، އެ ރަށަކަށް ޚާއްސަކޮށްގެން ކައުންސިލެއް އުފައްދަން ފެނޭތޯއާއި ދެ ރަށް އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯއެވެ.

އެކަމަކު، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް މިއަދު ނެރުއްވި ގަރާރުގައި ވަނީ، ހުޅުދުއާއި މީދޫ، އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ކުރާ ސުވާލު އުނިކުރައްވައިފައެވެ.

މިހާރު ހުޅުދޫގެ ރައްޔިތުންނާއި މީދޫގެ ރައްޔިތުންނާއި ފޭދޫގެ ރައްޔިތުންގެ ވެސް ޚިޔާލު ހޯދުމަށް ކުރާނީ އެންމެ ސުވާލެކެވެ.

ހުޅުދޫގެ ރައްޔިތުންނާ ކުރާ ސުވާލު:

އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

މީދޫގެ ރައްޔިތުންނާ ކުރާ ސުވާލު:

އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

ފޭދޫ ރައްޔިތުންނާ ކުރާ ސުވާލު:

އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އެ ރަށްތަކުގެ ރައްޔިތުންގެ ޚިޔާލު ހޯދާ ވޯޓު އޮންނާނީ މިމަހު 25ގެ 08:00 އިން 16:00 އަށް ކަމަސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި، ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

https://sun.mv/212524

ރައީސް ވަނީ، އެ ވޯޓުގައި ސަރުކާރުން ވަކި ކޮޅަކަށް ބުރަ ނުވާނެ ކަމަށާއި ރައްޔިތުންގެ ނިންމުން ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެ ވޯޓާ ގުޅޭ ގޮތުން އައްޑޫގެ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާއިރު، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރްޒޫޤު ވަނީ، އައްޑޫ ސިޓީގެ ރަށްތަކުގައި ވަކިވަކި ކައުންސިލްތައް ގާއިމްކުރުމާ ދެކޮޅަށް ވޯޓުދޭން އައްޑޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

comment ކޮމެންޓް