ފުލުހުން ފޯނު ހިފަހައްޓާފައި އޮއްވާ، ޒާޔާގެ ޒާތީ ވީޑިއޯއެއް ވެސް ލީކްވެއްޖެ

ޒާޔާ އެމްޑީޕީގެ އެއްވުމެއްގައި: ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ފުލުހުންނަށް އިންޒާރުދިން ކަމަށް ބުނެ އޭނާގެ ފޯނު ވަނީ ހިފަހައްޓާފަ---ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯންގައި ހިމެނޭ ޒާތީ ވީޑިއޯތަކެއް، އޭނާގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ސޯޝަލް މީޑިއާއަށް ލީކްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ސަން"އަށް ޒާޔާ މިކަން ކަށަވަރުކޮށްދީފައިވަނީ ކާކުކަން ނޭނގޭ އެކްސް އެކައުންޓަކުން މިއަދު އޭނާގެ ޒާތީ ދެ ވީޑިއޯއެއް ދައުރުކޮށްފައިވަނިކޮށެވެ. ވީޑިއޯތައް ލީކްކުރި އެކައުންޓް، މިހާރު ވަނީ އެކްސްއިން ރިމޫވްކޮށްފައެވެ.

ފުލުހުން ޒާޔާގެ ފޯން އަތުލުމުގެ ކުރިން އޭނާގެ ސްނެޕްޗެޓް ޕްރޮފައިލްއަށް ވަންނަން މަސައްކަތްކުރި ކަމުގެ ނޯޓިފިކޭޝަނެއް ލިބުނު ކަމަށް ޒާޔާ މައުލޫމާތުދިނެވެ. އެހެންނަމަވެސް އެގޮތަށް ސްނެޕްޗެޓަށް ވަންނަން މަސައްކަތްކުރީ ކާކުކަން ނޭނގޭ ކަމަށް ޒާޔާ ވިދާޅުވިއެވެ. ސިޔާސީ އެކްޓިވިސްޓަކަށްވީތީ ޒާތީ ވީޑިއޯއާއި ފޮޓޯތައް ސްނެޕްޗެޓްގައި ނުބަހައްޓަން ސަމާލުކަންދޭ ކަމަށް ވެސް ޒާޔާ ވިދާޅުވިއެވެ.

"އަޅުގަނޑު އަތުގައި އެބަހުރި ސްކްރީންޝޮޓް ވެސް (ބަޔަކު އޭނާގެ) ސްނެޕްޗެޓަށް ވަންނަން މަސައްކަތްކުރިކަމުގެ. އެޓެމްޕްޓްކޮށްފައި ވަނީ ސީޓްރެކް ބިލްޑިން ކައިރިން. އޭގެ ފަހުން (ފުލުހުން) ފޯން އަތުލީ،" ޒާޔާ ވިދާޅުވިއެވެ.

https://sun.mv/212523

ޒާޔާ ވިދާޅުވީ، ފުލުހުން އޭނާގެ ފޯން ގެންދިޔުމުގެ ކުރިން އޭނާގެ ފޯނުގައިވާ އެއްވެސް އެއްޗެއް މިހާތަނަށް ލީކްވެފައިނުވާ ކަމަށެވެ.

"އިތުރު މީހެއް އަތުގައި އެ ވީޑިއޯތައް ނުހުންނާނެ. އެ ފޯނުގައި އެ އެއްޗެހި ހުންނާނީ. ސިޔާސީ ދާއިރާގައި ވަރަށް ކުރީއްސުރެ އެކްޓިވްކޮށް އުޅުނިން. އޭރު ނުވާ ލީކެއް މިހާރު ކީއްވެ ވާންވީ؟" ޒާޔާ ކަންބޮޑުވުން ފާޅުކުރިއެވެ.

ޒާޔާ ވަނީ އޭނާގެ ފޯނުގައި ހުރީ ހަމައެކަނި އަމިއްލަ މީހާގެ ޒާތީ މައުލޫމާތު އެކަންޏެއް ނޫންކަން ފާހަގަކޮށްފައެވެ. އާއިލާއާއި ރައްޓެހިންގެ މައުލޫމާތުތައް ހިމެނޭ ކަމަށާއި އާއިލާއިން ވެސް އެކަމާ ވަރަށް ކަންބޮޑުވާކަން ޒާޔާ ފާހަގަކުރިއެވެ. އޭގެ ތެރޭގައި ގާތް މީހުންގެ ބުރުގާ ނާޅާ ފޮޓޯތައް ވެސް ހުރިކަން ވެސް ޒާޔާ ފާހަގަކުރިއެވެ.

ކޯޓް އަމުރެއްގެ ދަށުން ޒާޔާގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. އެގޮތުން، ޒާޔާގެ ފޯނު ހިފެހެއްޓީ ފުލުހުންނަށް އިންޒާރުދީ، ފޭސްބުކްގައި އޭނާ ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް، ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.

https://sun.mv/212361

އެ މައްސަލަ ބަލައިފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށާއި އަމުރު ހިނގާނީ 72 ގަޑިއިރަށް ކަމަށް ކޯޓު އަމުރުގައިވެއެވެ. އެ އަމުރުގައިވާ ގޮތުން މައްސަލަ ބަލަނީ ފުލުހުންގެ ވައްކަމުގެ މައްސަލަތައް ބަލާ ޑިޕާޓްމެންޓުންނެވެ.

ޒާޔާގެ ފޯން އަތުލި ފަހުން ފުލުހުން ވަނީ އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަން އަހުމަދުގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން އަތުލާފައެވެ. ޝިމަންގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ. ޝިމަންގެ ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލަން ގޮވާލާ މޭރުމަކުން ވާހަކަ ދައްކާފައިވާ ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ. ޝިމަންގެ ފޯން ފުލުހުން ގެންދިޔަތާ 24 ގަޑިއިރުނުވަނީސް އޭނާގެ ޒާތީ ފޮޓޯތައް ލީކްވެފައިވާ ކަމަށް ޝިމަން ވެސް މީގެ ކުރިން ބުނެފައިވެއެވެ.

އެކަމަކު، ފުލުހުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކާއި، ޑިޖިޓަލް ވަސީލަތްތައް ބަލަހައްޓަން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއް ފެންވަރުގެ ހަރުދަނާ އުސޫލުތަކެއް ހުންނަ ކަމަށް ފުލުހުން އޭރު ބުންޏެވެ. އެ އުސޫލުތަކުގެ ތެރެއިން ހެއްކާއި، ޑިޖިޓަލް ވަސީލަތްތަކުގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ، އެއްވެސް މޯބައިލް ފޯނަކުން އެއްވެސް މައުލޫމާތެއް ލީކުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި، އެ ފަދަ ކަމެއް ހިނގި ކަމަށް ބުނެ ކުރާ ތުހުމަތަކީ ދޮގެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް