ޕަބްލިކް ޑިސްއޯޑާ ހާލަތްތަކުގައި (އާންމުން ނުކިޔަމަންތެރިވާ ހާލަތްތަކުގައި) ކެރިގެން ކުރިމަތިލުމަށް ފުލުހުންނަށް ޚާއްސަ ތަމުރީނެއް ދީފިއެވެ.
ފުލުހުން ބުނި ގޮތުގައި 49 ވަނަ ޕަބްލިކް އޯޑާ ޓްރެއިނިން ކޯހުގައި އެ މުއައްސަސާގެ ފުލުހުންތަކެއް ބައިވެރިވެފައިވެއެވެ. މި ކޯސް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ މަހު ހަވަނަ ދުވަހުން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް އދ. މަހިބަދޫގައެވެ.
ފުލުހުން ބުނީ، މި ކޯހުގައި ފުލުހުން ބޭނުންކުރާ ލެސްލީތަލް ހަތިޔާރު (ނުރައްކާވުން ކުޑަ ހަތިޔާރު) ބޭނުންކުރުމަށް ތަމުރީނުދީފައިވާ ކަމަށެވެ. އަދި، ކޯހުގެ ތެރެއިން ކިޔަވައިދެވުނު ހުރިހާ މާއްދާތައް ހިމެނޭހެން އަމަލީ މައިދާނުގައި ދިމާވާ ކަންކަމަށް ބިނާކޮށް ސިމިއުލޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
މި ކޯހުގައި އަންހެން ހަތަރު ފުލުހުންނާއި 26 ފިރިހެން ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މި ކޯހުން އެއްވަނައަށް ހޮވުނީ ކޮންސްޓަބަލް އަބްދުﷲ ޒިޔާން އަލީއެވެ.
އާންމުން ނުކިޔަމަންތެރިވާ ހާލަތްތަކުގައި ބާރުގެ ބޭނުންކުރާނެ ގޮތުގެ ތަމުރީނު ފުލުހުންނަށް ދީފައިވާއިރު މި މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން ބޭއްވި އެއްވުމުގައި ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.
އެކަމަކު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައިވާނީ ޕްރޮފެޝަނަލްކަމާއި ކެތްތެރިކަމާ އެކު ކަމަށް ބުނެފައެވެ.