ދެ މާރާމާރީއަކާ ގުޅިގެން މާލެއިން ހަ މީހުން ހައްޔަރުކޮށް، އިއްޔެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ ކޯޓު އަމުރުގެ ދަށުން މި ދެ މައްސަލައާ ގުޅިގެން ހަ މީހުން ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު ކަމަށެވެ.
މީގެ ތެރެއިން އެއް މާރާމާރީ ހިންގީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ 18:10 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ ދުވަހުގެ މާރާމާރީ ހިންގީ ސައިކަލެއްގައި ދިޔަ މީހަކު، ބޮޑުތަކުރުފާނު މަގު ޕޯސްޓު އޮފީސް ކައިރި ހުރި މީހަކަށް ހަމަލާ ދީގެންނެވެ. އެ މައްސަލައިގެ ތުހުމަތުގައި ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ތ. ގާދިއްފުއްޓަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނަކާއި ލ. މާމެންދުއަށް ނިސްބަތްވާ 24 އަހަރުގެ ފިރިހެނެކެވެ. ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދެވަނަ މާރާމާރީއަކީ މި މަހުގެ ހަތަރުވަނަ ދުވަހު ހިނގި މާރާމާރީއެކެވެ. ފުލުހުން ބުނީ، އެ ރޭ 20:30 އެހާކަންހާއިރު ގްރޫޕު ހަދާފައި ގޮސް މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކު ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ، މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހުން ހައްޔަރުކޮށްފައެވެ. އެއީ،
ގއ. މާމެންދުއަށް ނިސްބަތްވާ 26 އަހަރުގެ ފިރިހެނަކާއި، ގދ. ރަތަފަންދުއަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނަކާއި، ލ. ގަމަށް ނިސްބަތްވާ 29 އަހަރުގެ ފިރިހެނެއްގެ އިތުރުން ގދ. ތިނަދުއަށް ނިސްބަތްވާ 19 އަހަރުގެ ފިރިހެނެކެވެ.
އެ އެންމެން ވެސް ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެ މަރާމާރީގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ. އަދި، މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދެ މާރާމާރީގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.