މަޑަގަސްކަރައިގައި ބަޣާވާތް ކުރަން އުޅެނީ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

ގާނޫނުއަސާސީއާ ޚިލާފަށް މަޑަގަސްކަރައިގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ރައީސް އެންޑްރީ ރަޖޮއެލީނާ ވިދާޅުވެއްޖެއެވެ.

ރަޖޮއެލީނާ އެގޮތަށް ވިދާޅުވީ, ކެޕްސެޓްގެ ނަމުގައި މަޝްހޫރު ސިފައިންގެ ޔުނިޓަކުން ވެރިރަށް އަންޓަނާނާރިވޯގައި ކުރިއަށް ގެންދިޔަ މުޒާހަރާތައް ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރަމުންދާ ކަމަށް ބުނެ، އެކަން ކުށްވެރިކޮށްފައިވަނިކޮށެވެ.

މިއީ 2009 ވަނަ އަހަރު މަލާގާސީގެ ސިޔާސީ ދަތިކަމުގައި މުހިންމު ދައުރެއް އަދާކޮށް، ރަޖޮއެލީނާ ވެރިކަމަށް ގެނައުމަށް އެހީތެރިވި ޔުނިޓެވެ.

އެ މަނިކުފާނު ވަނީ އެއީ ގައުމު ހަލަބޮލި ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފައެވެ. އަދި, ދުސްތޫރީ ނިޒާމާއި ގައުމީ އިސްތިގުލާލު ދިފާއުކުރުމުގައި ގައުމުގެ މުހިންމު ހުރިހާ ބާރުތައް އެއްބައިވަންތަވުމަށް ވެސް ގޮވާލެއްވިއެވެ.

ރަޖޮއެލީނާ އެގޮތަށް ވިދާޅުވި ނަމަވެސް، ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސިފައިން ވަނީ މުޒާހަރާތަކާ ގުޅި ސަރުކާރުގެ ކޮންޓްރޯލު ނެގިކަން އިއުލާނުކޮށްފައެވެ. ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކެޕްސެޓްގެ ސިފައިން ވަނީ ރައްޔިތުންނާ އެއްބައިވުމަށް އެހެން ޔުނިޓްތަކަށް ވެސް ގޮވާލާފައެވެ.

މަޑަގަސްކަރައިގެ މީޑިއާތަކުން ބްރޯޑްކާސްޓްކުރި ވީޑިއޯއަކުން ދައްކާ ގޮތުގައި ހޮނިހިރު ދުވަހު އެތައް ހާސް ބަޔަކު މުޒާހަރާ ކުރި އަންޓަނާނާރިވޯގެ މެއި 13 ގެ މައިދާނަށް އެސްކޯޓް ވަނީ ޖަމާވެފައެވެ.

އޭގެ ފަހުން ބޮޑުވަޒީރާއި ސިފައިންގެ ޗީފް އޮފް ސްޓާފް ވަނީ ރައްޔިތުން މަޝްވަރާގައި ބައިވެރިވެ ހަމަޖެގެން ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.

މަޑަގަސްކަރައިގައި ކުރިއަށްދާ މުޒާހަރާގެ ބައިވެރިޔަކު ސިފައިންނާ ކުރިމަތިލަނީ. ފޮޓޯ/ރޮއިޓާސް

މަޑަގަސްކަރައިގައި ސެޕްޓެންބަރު މަހު 25 ވަނަ ދުވަހު މުޒާހަރާތައް ފެށީ ފެނާއި ކަރަންޓް ހިމެނޭ ގޮތަށް އަސާސީ ޚިދުމަތްތައް ނުލިބޭ ކަމަށް ބުނެ ރައީސް އިސްތިއުފާ ދެއްވުމަށް ގޮވާލައި ޒުވާނުން އިސްވެ ތިބެ، 'ޖެން ޒީ'ގެ ނަމުގައެވެ.

މުޒާހަރާތަކުގައި ސިފައިންނާ ކުރިމަތިލައި ހިނގާ ހަމަނުޖެހުންތަކުގައި މިހާތަނަށް 22 މީހުން މަރުވެ، 100 މީހުން ޒަޚަމުވެފައިވާ ކަމަށް އދ ގެ ހިސާބުތަކުން ދައްކައެވެ.

ރައީސް ރަޖޮއެލީނާ ވަނީ އެއީ ބަޔަކު ގަސްދުގައި ގައުމު ހަލާކު ކުރުމަށް ކުރާ ކަމެއް ކަމަށާއި، ސަރުކާރު އޮތީ ރައްޔިތުންނަށް އެހީތެރިވާން ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.

ނަވާރަ ސަތޭކަ ފަސް ދޮޅަސް ވަނަ އަހަރު މަޑަގަސްކަރައަށް މިނިވަންކަން ލިބުނު ފަހުން އެތައް ގަތުލުއާންމެއް ހިންގިއެވެ. އެގޮތުން ކުރި އާންމު މުޒާހާރަތަކުގެ ސަބަބުން 2009 ވަނަ އަހަރު ކުރީގެ ރައީސް މާކް ރަވަލޮމަނާނާ މަގާމުން ވަކިވެވަޑައިގެން، ރަޖޯއެލީނާ ވެރިކަމަށް ގެނައުމަށް މަޖުބޫރުކުރުވިއެވެ. ރަޖޯއެލީނާއަކީ އެންޓަނާނާރިވޯގެ ކުރީގެ މޭޔަރެވެ.

މަޑަގަސްކަރަކީ ވަސީލަތްތައް މުއްސަނދި ގައުމެއް ނަމަވެސް ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމެވެ. ދެހާސް ބާވީސް ވަނަ އަހަރު 32 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމުގެ 75 ޕަސެންޓް މީހުން ތިބީ ފަގީރުކަމުގެ ރޭޓު ކުރާ މިންގަނޑަށްވުރެ ދަށުގައި ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

comment ކޮމެންޓް