މަޑަގަސްކަރަ މުޒާހަރާ: އިސްތިއުފާ ދެއްވަން ރައީސް ދެކޮޅު ހައްދަވަނީ

މަޑަގަސްކަރައިގައި ކުރިއަށްދާ މުޒާހާރާގެ ބައިވެރިއަކު ހައްޔަރުކޮށްގެން ގެންދަނީ. މިިދޔަ މަހުން ފެށިގެން ސަރުކާރާ ދެކޮޅަށް އެ ގައުމުގައި އަންނަނީ މުޒާހަރާ ކުރަމުން. ފޮޓޯ/ރޮއިޓާސް

ސަރުކާރާ ދެކޮޅަށް މަޑަގަސްކަރައިގައި ކުރަމުންދާ މުޒާހަރާތައް އަދިވެސް ކުރިއަށްދާއިރު، އެއީ ބަޣާވާތެއް ކަމަށް ވިދާޅުވެ އެ ގައުމުގެ ރައީސް އެންޑްރީ ރަޖޯއެލީނާ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވައިފިއެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ ރައީސް އިސްތިއުފާ ދެއްވުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.

ފެނާއި ކަރަންޓް ހިމެނޭ ގޮތަށް އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ރައީސް އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވާ ޒުވާނުން އިސްވެ ތިބެ، 'ޖެން ޒީ'ގެ ނަމުގައި ގާތްގަނޑަކަށް ކޮންމެ ދުވަހަކު ކުރިއަށްދާ މުޒާހަރާތައް ކުޑަ މެދުކެނޑުމަކަށް ފަހު، ހުކުރު ދުވަހު އަނެއްކާ ވެސް ވަނީ ފަށާފައެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ.

މިދިޔަ މަހު 25 ގައި މުޒާހަރާތައް ފެށިފަހުން މިހާތަނަށް 22 މީހުން މަރުވެފައިވާ ކަމަށް އދ އިން ބުނެއެވެ.

"ގައުމު ހަލާކުވުމުން އެއްވެސް މީހަކަށް ފައިދާއެއް ނުވާނެ. އަހަރެން މިހުރީ އަޑުއަހަން ތައްޔާރަށް، އެހީތެރިކަމުގެ އަތް ދިއްކުރަން ތައްޔާރަށް. އަދި މަޑަގަސްކަރައަށް ހައްލުތައް ގެނައުމަށް،" ރަޖޯއެލީނާ އޭނާގެ ފޭސްބުކް ޕޭޖުގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ނިއު ޔޯކުގައި ބޭއްވި އދ ގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރަޖާއެލީނާ ވިދާޅުވީ، ބައެއް ސިޔާސީ ބޭފުޅުން މުޒާހަރާތަކުގެ ފައިދާ ނަގަން ރޭވި ކަމަށާއި، ބަޣާވާތެއް ކުރަން ވިސްނި ކަމަށެވެ.

ފެނާއި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ނުލިބުމުގެ ސަބަބުން ފެށި މުޒާހަރާތަކުގައި ބައިވެރިން އަންނަނީ ރައީސްގެ އިސްތިއުފާއަށް ގޮވާލަމުން. ފޮޓޯ/ރޮއިޓާސް

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ގައުމު ހަލާކުކުރަން ބައެއް މީހުން ބޭނުންވެއޭ،"

ޖެން ޒީ ހަރަކާތުން ވަނީ ރަޖޯއެލީނާގެ ވާހަކަފުޅަކީ ހަމަޖެހޭ ވާހަކަފުޅެއް ނޫން ކަމަށާއި، އެ މީހުންގެ ޑިމާންޑުތަކަށް 24 ގަޑިއިރު ތެރޭގައި ރަނގަޅު ޖަވާބެއް ނުދެއްވައިފިނަމަ، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައެވެ.

ނަވާރަ ސަތޭކަ ފަސް ދޮޅަސް ވަނަ އަހަރު މަޑަގަސްކަރައަށް މިނިވަންކަން ލިބުނު ފަހުން އެތައް ގަތުލުއާންމެއް ހިންގިއެވެ. އެގޮތުން ކުރި އާންމު މުޒާހާރަތަކުގެ ސަބަބުން 2009 ވަނަ އަހަރު ކުރީގެ ރައީސް މާކް ރަވަލޮމަނާނާ މަގާމުން ވަކިވެވަޑައިގެން، ރަޖޯއެލީނާ ވެރިކަމަށް ގެނައުމަށް މަޖުބޫރުކުރުވިއެވެ. ރަޖޯއެލީނާއަކީ އެންޓަނާނާރިވޯގެ ކުރީގެ މޭޔަރެވެ.

މަޑަގަސްކަރަކީ ވަސީލަތްތައް މުއްސަނދި ގައުމެއް ނަމަވެސް ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމެވެ. ދެހާސް ބާވީސް ވަނަ އަހަރު 32 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމުގެ 75 ޕަސެންޓް މީހުން ތިބީ ފަގީރުކަމުގެ ރޭޓު ކުރާ މިންގަނޑަށްވުރެ ދަށުގައި ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

comment ކޮމެންޓް