ޖެން ޒީ މުޒާހަރާތަކާ ގުޅިގެން މަޑަގަސްކަރައިގެ ސަރުކާރު އުވާލަނީ

މަޑަގަސްކަރައިގައި ކުރިއަށްގެންދާ މުޒާހަރާތައް ކޮންޓްރޯލު ކުރުމަށް ފުލުހުން ހަރަކާތްތެރި ވަނީ. ފޮޓޯ/ރޮއިޓާސް

މަޑަގަސްކަރައިގައި ގިނަ ދުވަސްތަކެއް ވަންދެން ފެނާއި ކަރަންޓް ނުލިބުމުގެ ސަބަބުން ޒުވާނުން އިސްވެ ތިބެ ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ސަރުކާރު އުވާލާނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެއެވެ.

ޖެން ޒީން ކުރި މުޒާހަރާތަކުގައި ބައިވެރިވުމަށް ބުރާސްފަތި ދުވަހުން ފެށިގެން މަޑަގަސްކަރައިގެ އެކި ސިޓީތަކުގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ މަގުތަކަށް ނުކުމެފައެވެ.

"އަހަރެމެން ބޭނުންވަނީ ދިރިއުޅެން. ދިރި ހުންނާކަށް ނޫން." މުޒާހާރަގެ ބައިވެރިން ގޮވަމުން ދިޔައެވެ.

"ސަރުކާރުގެ މެމްބަރުންނަށް ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރިއަށް ނުގެންދެވިއްޖެ ނަމަ އެކަން ގަބޫލުކޮށް މައާފަށް އެދެން." ދައުލަތުގެ ޓީވީން ދެއްވި ޚިޠާބުގައި މަޑަގަސްކައިރައިގެ ރައީސް އެންޑްރީ ރަޖޯއެލީނާ ވިދާޅުވިއެވެ.

މަސައްކަތް ރަނގަޅަށް ނުކުރެވުމުން މިދިޔަ ހަފްތާ ހަކަތައާ ބެހޭ ވަޒީރު މަގާމުން ވަކިކޮށްފައިވާ ކަމަށް ރަޖޯއެލީނާ ވިދާޅުވިއެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ޑިމާންޑު ކުރަނީ ކުރީ ރައީސާއި ސަރުކާރުގެ ބާކީ ތިބި މީހުން ވެސް މަގާމުން އިސްތިއުފާ ދިނުމަށެވެ.

"އަޅުގަނޑަށް ވިސްނޭ ކަރަންޓް ނެތުމުންނާއި ފެނުގެ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ރުޅިވެރިކަމާއި ހިތާމައާއި ދަތިތައް." ރަޖޯއެލީނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ބޮޑުވަޒީރުގެ މަސްއޫލިއްޔަތު އަދާކުރުން ހުއްޓާލައްވައި، ސަރުކާރުގެ މަސަކަތްތައްވެސް ހުއްޓާލާފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ސަރުކާރާ ހަވާލުވާނެ ބޭފުޅަކު ހޮވުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަންނާނެ ކަމަށެވެ.

ނަމަވެސް މިހާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަގުތީ ވަޒީރުންގެ ގޮތުގައި ހަރަކާތްތެރިވާނީ އާ ސަރުކާރެއް އުފެދެންދެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި ޒުވާނުންނާ އެކު މަޝްވަރާތައް ބާއްވަން ބޭނުންފުޅުވާ ކަމަށްވެސް ރަޖާއެލީނޯ ވިދާޅުވިއެވެ.

ޖެން ޒީ ން އިސްވެ ތިބެ މުޒާހަރާ ކުރަން ފެށީ ފެނާއި ކަރަންޓު ނުލިބޭތާ ގިނަ ދުވަސްތަކެއް ވުމުން. ފޮޓޯ/ގެޓީ

އދގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވިދާޅުވީ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ކޮންމެހެން ބޭނުން ކުރަން ނުޖެހޭ ވަރަށް ބާރުގެ ބޭނުން ކޮށްފައި ކަމަށެވެ. ބާރުގެ ބޭނުންކުރުމުގެ ސަބަބުން ގާތްގަޑަކަށް 22 މީހުން މަރުވެ، 100 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޒާހަރާތައް އެންމެ ފުރަތަމަ ފެށީ ވެރިރަށް އަންޓަނާނަރީވޯގައި ނަމަވެސް އޭގެ ފަހުން އެ ގައުމުގެ އަށް ސިޓީއެއްގައި ވަނީ މުޒާހަރާ ކުރަން ފަށާފައެވެ.

އަންޓަނާނާރިވޯގައި އަނިޔާވެރިކަމާއި ލޫޓުވާކަމުގެ ރިޕޯޓްތައް ލިބުމުން އިރުއޮއްސުނު ވަގުތުން ފަތިސް ވަންދެން ކާފިއު އިއުލާނުކޮށްފައިވާއިރު، ފުލުހުން ވަނީ އެއްވެ ތިބި މީހުން ދުރަށް ޖެއްސުމަށް ރަބަރު ވަޒަނާއި ކަރުނަ ގޭސް ޖަހައިފައެވެ.

އދ އިން ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މެމްބަރުން މަރާލި މުޒާހަރާގެ ބައިވެރިންނާއި ބަލަން ތިބި މީހުންވެސް ހިމެނެއެވެ. ނަމަވެސް، އޭގެ ފަހުން މުޒާހަރާގެ ބައިވެރިންނާއި ގުޅުން ނެތް މީހުންނާއި، ގޭންގުތަކުން ހިންގި އަނިޔާވެރިކަމާއި ލޫޓުވުންތަކުގައި މަރުވި މީހުން ވެސް ހިމެނެއެވެ.

ނަވާރަ ސަތޭކަ ފަސް ދޮޅަސް ވަނަ އަހަރު މަޑަގަސްކަރައަށް މިނިވަންކަން ލިބުނު ފަހުން އެތައް ގަތުލުއާންމެއް ހިންގިއެވެ. އެގޮތުން ކުރި އާންމު މުޒާހާރަތަކުގެ ސަބަބުން 2009 ވަނަ އަހަރު ކުރީގެ ރައީސް މާކް ރަވަލޮމަނާނާ މަގާމުން ވަކިވެވަޑައިގެން، ރަޖޯއެލީނާ ވެރިކަމަށް ގެނައުމަށް މަޖުބޫރުކުރުވިއެވެ.

comment ކޮމެންޓް