ގިނަ ބަޔަކު ޒިޔާރަތްކުރާ އައްޑޫ ސިޓީ ހުޅުދޫގެ "ޑަކްޕާކު"ގައި އުޅެމުންދިޔަ އަސްދޫނިތައް މަރުވި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ހުޅުދޫ ޑަކްޕާކުގައި އުޅެމުންދިޔަ އަސްދޫނިތަކާއި ދިރުންތައް މަރުވާ މައްސަލަ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް، މީހަކު ހައްޔަރުކުރިކަން ނުވަތަ ނުކުރާކަން ނުބުނެއެވެ.
ހުޅުދޫގެ ޑަކްޕާކުގައި އުޅެމުންދިޔަ އަސްދޫނިތައް މަރުވުމާ ގުޅިގެން، އެއީ ބަޔަކު ގަސްދުގައި ދިން ގެއްލުމެއްގެ ގޮތުގައި އެ އަވަށުގެ ކައުންސިލަރު ހުސައިން ފައިޒުއްރަހުމާން ވަނީ ތުހުމަތުކުރައްވައިފައެވެ.
އިއްޔެ 'ސަން' އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ޑަކްޕާކުގެ އަސްދޫންޏާއި މަސްތައް މަރުވާން ފެށިކަން ފާހަގަވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި، އަސްދޫނިތަކެއް މަރުވެފައި އޮއްވައި ފެނުނު ފަހުން، މަސްތައް ވެސް މަރުވާން ފެށުމުން އެކަމުގައި ގޯހެއް އުޅޭކަން އެނގުނު ކަމަށެވެ.
މިހާތަނަށް ކައުންސިލުން ބެލިބެލުމުގައި މައްސަލައެއް އުޅޭ ކަމަށް ފާހަގަ ނުކުރެވުނު ނަމަވެސް، ލަފާކުރެވޭ ގޮތުގައި ދިރުންތައް މަރުވާން ފެށީ ބަޔަކު އެ ޕާކަށް އެޅި އެއްޗެއްގެ ސަބަބުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ފައިޒު ވިދާޅުވި ގޮތުގައި އެ ތަނުގައި ގެންގުޅުނު އަށް އަސްދޫނީގެ ތެރެއިން ހަތް އަސްދޫންޏެއް މިހާތަނަށް ވަނީ މަރުވެފައެވެ. އަދި، މަރުނުވެ އޮތް އަސްދޫނީގެ ހާލަތު ވެސް އެހާ ރަނގަޅު ނޫން ކަމަށާއި ގިނަ އަދަދެއްގެ މަސްތައް ވެސް މަރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި އެނިމަލް ވެލްފެއާ މިނިސްޓްރީއާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.