ފިލްމު "ސައްޔާރާ"އިން ބޮޑު މަގުބޫލުކަމެއް ހޯދި ޒުވާން އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމުގެ ޝޫޓިންގް އަންނަ އަހަރުގެ މާޗް މަހު ފަށާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މަގުބޫލު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޔަޝް ރާޖް ފިލްމްސްއަށް އުފައްދާ މި ފިލްމުގެ ޝޫޓިންގް ކުރިއަށްދާނީ އިނިގިރޭސިވިލާތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަން އަދި ސާފުނުވާ މި ފިލްމުގައި ބަތަލާގެ ރޯލް ކުޅޭނީ ޔަޝް ރާޖް ފިލްމްސްއިން ބޮލީވުޑަށް ތައާރަފްވި ޝަރުވަރީ ވާގްއެވެ. އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ރޮމޭންޓިކް އެކްޝަން ފިލްމެއް ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ފިލްމު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު--ފޮޓޯ/ކޮއިމޮއި
ޕިންކްވިލާގެ ރިޕޯޓެއްގައިވާ ގޮތުން އަލީ އައްބާސްގެ އަމާޒަކީ އަންނަ އަހަރު ފިލްމުގެ މަސައްކަތް ނިންމާ އަންނަ އަހަރުތެރޭ ބެލުންތެރިންނަށް ފިލްމު ގެނެސްދިނުމެވެ.
މީގެކުރިންވެސް ވައިއާރްއެފްއަށް ފިލްމު ޑައިރެކްޓްކޮށްދީފައިވާ އަލީ އައްބާސް ޒަފަރުގެ އެންމެ ފަހު ފިލްމަކީ ޕޫޖާ އެންޓަޓެއިންމަންޓްއިން ޕްރޮޑިއުސްކޮށް މިދިޔަ އަހަރު ގެނެސްދިން ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"އެވެ. ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލިބުނު އެ ފިލްމުގެ ލީޑް ތަރިންނަކީ އަކްޝޭ ކުމާރު އަދި ޓައިގާ ޝްރޮފްއެވެ.
އަލީ އައްބާސް އެންމެ ފަހުން ވައިއާރްއެފްއާ ގުޅިގެން ގެނެސްދިން ފިލްމަކީ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސްއިން 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޓައިގާ ޒިންދާ ހޭ"އެވެ.
އަލީ އައްބާސްގެ ފިލްމަކަށް ޝަރުވަރީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ބަތަލާ އަންނަނީ ސްޕައި ޔުނިވާސްގެ ފިލްމު "އަލްފާ"ގެ ވެސް މަސައްކަތްކުރަމުންނެވެ.