އަޖޭގެ ހެއްވާ މަޖާ ފިލްމު 'ދޭ ދޭ ޕިޔާރު ދޭ 2' އަންނަ މަހު ސިނަމާތަކަށް

"ދޭ ދޭ ޕިޔާރު ދޭ 2"ގެ މޯޝަން ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ ހަ އަހަރު ކުރިން ރިލީޒްކުރި ހެއްވާ މަޖާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ"ގެ ދެވަނަ ފިލްމު އަންނަ މަހު ރިލީޒްކުރާނެކަން އިއުލާނުކޮށް ފިލްމުގެ މޯޝަން ޕޯސްޓަރު ވެސް ދައްކާލައިފިއެވެ.

އަޖޭ ދޭވްގަން ލީޑް ރޯލް ކުޅެފައިވާ މި ފިލްމުން ބަތަލާއިންގެ ގޮތުގައި ފެންނާނީ ފުރަތަމަ ފިލްމުގެ ވެސް ބަތަލާ ރަކުލް ޕްރީތު ސިންގްއެވެ. 2019އިގެ ފިލްމުން ތައްބޫ ވެސް މުހިއްމު ރޯލްއިން ފެނުނުއިރު ދެވަނަ ފިލްމުން ބަތަލާ ތައްބޫ ނުފެންނާނެއެވެ.

އަޖޭ އާއި ރަކުލްގެ އިތުރުން ފިލްމުގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިންގެތެރޭ އާރް މާދްވަން، ޖާވިދު ޖެފްރީ، މީޒާން ޖެފްރީ، ގޯތަމީ ކަޕޫރު އަދި އިޝިތާ ދައްތާ ހިމެނެއެވެ.

އަޖޭ އަދި ރަކުލް ފިލްމު "ދޭ ދޭ ޕިޔާރު ދޭ"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ

ކާމިޔާބު ފިލްމު ޑައިރެކްޓަރު ލަވް ރަންޖަންގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ "ދޭ ދޭ ޕިޔާރު ދޭ 2"ގެ ޕްރޮޑިއުސަރުންގެ ތެރޭ ލަވް ވެސް ހިމެނޭއިރު މިފަހަރުގެ ފިލްމުގެ ޑައިރެކްޓަރަކީ އަންޝުލް ޝަރުމާއެވެ.

ޓީ-ސީރީސް އާއި ލަވް ފިލްމްސް ގުޅިގެން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ. ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު "ދޭ ދޭ ޕިޔާރު ދޭ" އަކީ އުމުރުން 50ގެ އަހަރުތައް ގުނަމުންދާ ދުވަސްވީ ފިރިހެނަކު ޒުވާން އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުމުން ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ.

ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގެ ޕްލޮޓް ބިނާކޮށްފައި ވަނީ އެ ކައިވެންޏަށް ރުހުން ހޯދުމުގެ ގޮތުން އަންހެންކުއްޖާގެ އާއިލާއާ ބައްދަލު ކުރުމުގެ ތެރޭގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކުގެ މައްޗަށެވެ.

މި ފިލްމަކީ މި އަހަރު ބެލުންތެރިންނަށް އަޖޭ ގެނެސްދޭނެ އެކްޓަރުގެ ހަތަރު ވަނަ ފިލްމެވެ. އަޖޭގެ އެންމެފަހުން ރިލީޒްވި ފިލްމަކީ މިހާރު ނެޓްފްލިކްސްގައި ޕްރީމިއާކުރަން ފަށާފައިވާ ފިލްމު "ސަން އޮފް ސަރުދާރު 2"އެވެ.

comment ކޮމެންޓް