ރާގަވްއަށް ފިލްމެއްގެ ލީޑް ރޯލް ކުޅުމުގެ ފުރުސަތު ލިބިއްޖެ

ޒުވާން އެކްޓަރު ރާގަވް ޖުޔަލް--ފޮޓޯ/މިޑްޑޭ

ނެށުމުގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދުމަށްފަހު ފިލްމުތަކުން ވެސް ބެލުންތެރިންނަށް އެކްޓިންގް ހުނަރު ދައްކާލި ރާގަވް ޖުޔާލްއަށް އަލަށް ފިލްމެއްގެ ލީޑް ރޯލް ކުޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި އުމުރުން 34 އަހަރުގެ ޒުވާން އެކްޓަރު ރާގަވްއަށް ފުރުސަތު ލިބުނީ މަޝްހޫރު ޑައިރެކްޓަރު ވިކާސް ބާލް "އިކާއީ"ގެ ނަމުގައި އުފައްދާ ފިލްމުގެ ލީޑް ރޯލް ކުޅުމަށެވެ.

ވިކާސް ބާލްގެ މަގުބޫލު ފިލްމުތަކުގެ ތެރޭ ބަތަލާ ކަންގަނާ ރަނާވަތުއަށް އެންމެ މޮޅު ބަތަލާގެ ގައުމީ އެވޯޑު ލިބުނު ފިލްމު "ކްއީން"، ރިތިކް ރޯޝަންގެ ފިލްމު "ސުޕަ 30" އަދި ދާދިފަހުން ރިލީޒްކުރި ފިލްމު "ޝައިޠާން" ހިމެނެއެވެ. ފިލްމު "އިކާއީ" އަކީ ވިކާސް ޕްރޮޑިއުސްކުރާ ލޯބީގެ ބިރުވެރި ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު ޑައިރެކްޓަރު ވިކާސް ބާލް އަދި އެކްޓަރު ރާގަވް--ފޮޓޯ/ހިންދުންސްތާންޓައިމްސް

މި ފިލްމުގެ މަސައްކަތް އަންނަ މަހުތެރޭ ފަށަން ނިންމާފައިވާއިރު ރާގަވްއާ އެކު ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނާނީ 2019 ވަނަ އަހަރު ރިލިޒްކުރި ފިލްމު "ދަބަންގް 3"ގެ ބަތަލާ ސައީ މަންޖްރޭކަރު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ނެށުމުގެ އިތުރުން ޓެލެވިޒަން ހޯސްޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ރާގަވް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހު ނެޓްފްލިކްސްއިން ގެނެސްދިން ސީރީސް "ދަ ބޭޑްސް އޮފް ދަ ބޮލީވުޑް"ގެ ރޯލަކުންނެވެ.

ފިލްމު "ކިލް"ގައި ކުޅުނު ވިލެންގެ ރޯލްއިން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ރާގަވްއަށް ވަނީ އެކްޓަރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"އިން ވެސް ފުރުސަތު ލިބިފައެވެ.

comment ކޮމެންޓް