އަމީރު ވެސް އޭސީސީއަށް ހާޒިރުކުރަނީ، ވިދާޅުވީ ފްރޭމް ކުރަނީ ކަމަށް

އަމީރު: އަމީރު ވެސް އޭސީސީއަށް ހާޒިރު ވުމަށް ވަނީ އަންގައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރަޕްޝަންގެ ތުހުމަތުގައި, ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވުމަށް މިއަދު ޗިޓު ފޮނުވައިފައިވާއިރު، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ވެސް ޗިޓު ފޮނުވައިފިއެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އަންނަ ހޯމަ ދުވަހު ހެނދުނު 09:30 އަށް އޭސީސީއަށް ހާޒިރުވުމަށް އޭނާއަށް ޗިޓު ފޮނުވައިފަައިވާ ކަމަށެވެ. އެއީ މިނިސްޓަރުކަމުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ސައުދުﷲ ހިލްމީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލު ދިނުމާ ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތަކެއްގައި ކަމަށް ޗިޓުގައިވެއެވެ.

އެއަށްފަހު، މިރޭ އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އާދިއްތަ ދުވަހު 2:30އަށް އޭސީސީއަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފައިވާ ކަމަށެވެ.

https://sun.mv/212439

އޭނާ ހާޒިރުކުރާ މައްސަލައާ ގުޅޭ ތަފުސީލެއް ނުދެއްވި ނަމަވެސް އަމީރު ވިދާޅުވީ، 2019އިން 2023އަށް ފިނޭންސް މިނިސްޓަރު ކަމުގައި މަސައްކަތްކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަޒީރުކަމުގައި ކޮންމެކަމެއްވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް. އެ ޔަގީންކަން ނަފުސާ މެދު އެބައޮތް." އަމީރު ވިދާޅުވިއެވެ.

"އޭސީސީގެ ރައީސާއި މެމްބަރުންގެ ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލަން."

އަމީރާއި ފައްޔާޒު: އަމީރު ވެސް އޭސީސީއަށް ހާޒިރު ވުމަށް ވަނީ އަންގައިފައި -- ސަން ފޮޓޯ/ އަހުމަދު ސައީދު

އޭނާ ތުހުމަތު ކުރެއްވީ އޭނާ އޭސީސީއަށް ގެންދަން އުޅެނީ އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި ބިރުދައްކަން ކަމަށާއި، އެގޮތަށް އެ ކޮމިޝަނަށާއި ޕޮލިހަށް ގެންދިޔަޔަސް ބިރުނުގަންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޯ ގުދުކުރާނީ ހަމައެކަނީ އާލަމްތަކުގެ ވެރި މާތްﷲ އަށް." ރައީސް ޑރ. މުޙައްމަދު މުއިއްޒަކީ ޚުދުމުހުތާރު ވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، ރައީސަށް ބޯނުލަނބާނެ ކަމަށް ވިދާޅުވެ އަމީރު ލިޔުއްވާފައިވެއެވެ.

ފައްޔާޒަށް ފޮނުވި ޗިޓުގައިވަނީ، އޭނާ ހާޒިރުކުރަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް ދިނުމަށް 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމުމުގައި ފައްޔާޒް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކޮށްފައެވެ.

އޭގެ އިތުރަށް، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި މަސައްކަތްކުރުމުގެ އިތުރުން ފައްޔާޒްގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެއެވެ.

https://sun.mv/212448

އެ މައްސަލައިގައި، ސްވިފްޓުގެ ހިއްސާ އޮންނަ ސައުދުﷲ ވަނީ ދިފާއުގައި ވާހަކަދައްކަވައިފައެވެ.

އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ސްވިފްޓުން ކުރިއަށްގެންދިޔަ ހަ މަޝްރޫއަކުން ކުންފުނި ވަކިކުރީ ގާނޫނާއި ގަވައިދާ ޚިލާފަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި ކުންފުނިން ބޭނުންވަނީ ފައިސާތޯ ނުވަތަ މަޝްރޫއުތައްތޯ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ސެޓުލްމެންޓް ކޮމިޓީން އެހި ކަމަށެވެ. އަދި އޭނާ އެދިވަޑައިގަތީ ފައިސާގެ ބަދަލުގައި، މަޝްރޫއުތަކުގެ އަގަށް ފެތޭ ވަރުގެ މަޝްރޫއުތަކެއް ދިނުމަށް ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

އެހެންވެ، ސްވިފްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައިނުވާ ކަމަށާއި، އެކަން ނިމިފައިވަނީ ދައުލަތަށް ފައިދާވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް