ހިލޭ ލޯ ޓެސްޓުކޮށްލުން ހިމެނޭހެން, މި އަހަރުގެ ލޮލުގެ ފެނުމުގެ ދުވަސް ނުވަތަ ވޯލްޑް ސައިޓް ޑޭ ފާހަގަކުރަން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާދޭ އައިކެއާއިން ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތްތައް އޮންނާނީ މި މަހު 17 ވަނަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 10:00 އަށް މާލޭ، ސޯޝަލް ސެންޓަރުގައެވެ.
އައިކެއާއިން ބުނީ، މި ހަރަކާތަކީ އާއިލާތަކާ އެކު ހިތްއުފާކޮށްލެވޭ ގޮތަށް ބާއްވާނެ ހަރަކާތެއް ކަމަށެވެ. އެ ދުވަހު ހަރަކާތުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ހިލޭ ލޯ ޓެސްޓުކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި، ހަރަކާތުގައި ބައިވެރިވާ މީހުންނަށް ޚާއްސަ އޮފާތަކާއި ޑިސްކައުންޓްތައް ދޭން ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރާވާފައިވާ ކަންކަމުގެ ތެރޭގައި، އައިކެއާއިން ބާއްވާ ދަރިވަރުންގެ އާޓް މުބާރާތުގެ އުފެއްދުންތައް ދައްކާލުމާއި، އައިކެއާގެ ޑޮކްޓަރުންނާއި ބައްދަލުކޮށްލުމުގެ ފުރުސަތުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއި ލައިވް މިއުޒިކް އަދި ކާނާގެ ބާވަތްތައް ލިބޭ ސްޓޯލްތައް ވެސް ހުންނާނެއެވެ.
މި ހަރަކާތުގެ ތެރެއިން ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ހަކުރު ބައްޔަށް މީހުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ބާއްވަން ވެސް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރަން އައިކެއާއިން އަންނަނީ ކޮންމެ އަހަރަކު ވެސް ގިނަ ހަރަކާތްތަކެއް ބާއްވާ، އެކި އޮފާތަކާއި ހަދިޔާތައް ދެމުންނެވެ. މީގެ ކުރީ އަހަރުތަކުގައި ބޭއްވި މި ފަދަ ހަރަކާތްތަކުގައި އެތައް ހާސް މީހުންނެއް ބައިވެރިވިކަމަށް އައިކެއާއިން ވަނީ ބުނެފައެވެ.
އައިކެއާއިން އަންނަނީ ހިލޭ ލޯ ޓެސްޓް ކުރެވޭ މި ފަދަ ހަރަކާތްތައް މުޅި ރާއްޖޭގައި ބާއްވަމުންނެވެ.
އެހެންވެ، މި އަހަރުގެ ވޯލްޑް ސައިޓް ޑޭއާ ގުޅިގެން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވާން ވެސް އައިކެއާއިން ވަނީ ދައުވަތު ދީފައެވެ.