"މިއީ ސޮނީ ހާޑްވެއާއޭ" ލަވައަށް ޓިކްޓޮކެއް ހަދައިގެން 101،000 ރުފިޔާ ހޯދުމުގެ ފުރުސަތު

ސޮނީ ހާޑްވެއާގެ ފޮޓޯއެއް: އެ މީހުންގެ ލަވައަށް ޓިކްޓޮކް ހަދައިގެން ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ވަނީ ފައްޓާފައި --- ސަން ފޮޓޯ/ އަހުމަދު ފިރްޔަލް

އާންމުންގެ މެދުގައި މަޤުބޫލު "މިއީ ސޮނީ ހާޑްވެއާއޭ" ލަވަ ރިމިކްސްކޮށް ޓިކްޓޮކްއެއް ހަދައިގެން، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ޓިކްޓޮކް މުބާރާތެއް ފަށައިފިއެވެ.

މަރުތޭލާއި ބުރުމާ ފަދަ އެކި ސާމާނުގެ ވިޔަފާރިކުރާ ސޮނީ ހާޑްވެއާއިން ބުނީ، މި ޓިކްޓޮކް ޗެލެންޖުގެ ދަށުން "މިއީ ސޮނީ ހާޑްވެއާއޭ" ލަވަ އަމިއްލަ ސްޓައިލަށް ތައްޔާރުކޮށް ޓިކްޓޮކްއަށް އަޕްލޯޑުކޮށްލައިގެން އެއްވަނައަށް ދާ ފަރާތަކަށް 101،000 ރުފިޔާ ލިބޭނެ ކަމަށެވެ.

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ މި ޗެލެންޖަށް ވީޑިއޯ އަޕްލޯޑްކުރުމުގެ ކުރިން ޓިކްޓޮކްގައި ސޮނީ ހާޑްވެއާ ފޮލޯކުރަން ޖެހޭނެއެވެ. އަދި، ޓިކްޓޮކަށް އަޕްލޯޑްކުރާ ވީޑިއޯގައި #SoneeRemix ހޭޝްޓެގް ޖަހައި، ސޮނީ ހާޑްވެއާ ޓެގްކުރަން ޖެހޭނެއެވެ.

އަޕްލޯޑްކުރާ ޓިކްޓޮކް ވީޑިއޯގައި "މިއީ ސޮނީ ހާޑްވެއާއޭ"ގެ އޮރިޖިނަލް ލަވަ، ނުވަތަ ރެގޭ ލަވަ، ނުވަތަ ބޮލީވުޑް ފިއުޝަން ލަވަ ބޭނުންކުރެވޭނެއެވެ.

ސޮނީ ހާޑްވެއާއިން ބުނީ މި ޗެލެންޖުގައި ކޮންމެ ބައިވެރިއަކަށް ވެސް އެންމެ ގިނަވެގެން 10 ވީޑިއޯ އަޕްލޯޑުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި، ވީޑިއޯތައް މި އަހަރު ނިމެންދެން ބަލައިގަންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

މި ޗެލެންޖުގައި ކޮންމެ ދެ ހަފުތާއެއްގައި، ޓިކްޓޮކްގައި އެންމެ ގިނައިން ލައިކް ލިބޭ 10 ވީޑިއޯއެއް ސޮނީ ހާޑްވެއާގެ ރަސްމީ ޗެނަލަށް އަޕްލޯޑްކުރާނެ ކަމަށާއި، މި ޗެލެންޖު ނިމުމުން އެންމެ ގިނައިން ލައިކް ލިބޭ 10 ވީޑިއޯއެއް ފައިނަލް ބުރަށް ދާނެ ކަމަށް ސޮނީ ހާޑްވެއާއިން މައުލޫމާތުދެއެވެ.

މި ޗެލެންޖުން އެއްވަނައަށްދާ ފަރާތަށް 101،000 ރުފިޔާ ލިބޭއިރު، އެއީ ކޮން ފަރާތެއްކަން އަންނަ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެ ފިހާރައިގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުން ހާމަކުރާނެ ކަމަށް ސޮނީ ހާޑްވެއާއިން ބުންޏެވެ.

comment ކޮމެންޓް