ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި މަހު އޭޓީއެމް މެޝިން ބަހައްޓާ ނިމޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިއްޔެ ބުނެފިއެވެ.
އދ. މަންދޫގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓްޖީ މުހައްމަދު ސައީދު ވިދާޅުވީ، މި އަހަރުގެ އަށް މަސް ދުވަސް ތެރޭ 95 ރަށުގައި އޭޓީއެމް ބަހައްޓާ ނިމިފައިވާ ކަމަށެވެ. އަދި، އޭޓީއެމް ނުބެހެއްޓި ހުރީ 10 ރަށުގައި ކަމަށާއި އެ ރަށްތަކުގައި ކުރިއަށް އޮތް 20 ދުވަސް ތެރޭ އޭޓީއެމް ބަހައްޓާ ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ބީއެމްއެލްއިން ވަނީ ރާއްޖޭގެ 17 އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިންމާފައެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނުނިމޭ އަތޮޅުތަކަކީ ޅ އަދި ލ އަތޮޅުގެ އިތުރުން އައްޑޫ ސިޓީއެވެ.
ރާއްޖޭގައި އޭޓީއެމް ބަހައްޓަން ފަށާފައިވަނީ 2000 ވަނަ އަހަރެވެ.
އެ އަހަރުން ފެށިގެން ފާއިތުވި 24 އަހަރު ތެރޭ މާލެ ފިޔަވައި 81 ރަށުގައި އޭޓީއެމް ވަނީ ބަހައްޓާފައެވެ. އިއްޔެ ބަހައްޓާފައިވަނީ ބޭންކުގެ 250 ވަނަ އޭޓީއެމެވެ.
ބީއެމްއެލުން ވަނީ މުޅި ރާއްޖޭގައި އޭޓީއެމް ބަހައްޓަން ޚާއްސަ މަޝްރޫއެއް ފަށާފައެވެ. އެ މަޝްރޫއުގެ ދަށުން ބެހެއްޓި ގިނަ އޭޓީއެމްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުޅުއްވައިދެއްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ އެއީ ރަށްރަށުގެ މީހުންނަށް ގިނަ ފައިދާތަކެއް ކުރާނެ މަޝްރޫއެއް ކަމަށް ވިދާޅުވެފައެވެ.