މި ހަފުތާގެ ތެރޭ މުޅި އދ. އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރަނީ

އދ. ދިއްދޫގައި ރައީސް އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވަނީ --- ފޮޓޯ: ބީއެމްއެލް

މި ހަފުތާގެ ތެރޭ އދ. އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރެވޭނެ ކަމަށް ގައުމީ ބޭންކް ބީއެމްއެލުން މިއަދު ބުނެފިއެވެ.

ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް އދ. ދިއްދޫގައި މިއަދު ވަނީ ފަށައިފައެވެ. އެ ރަށުގައި މި ޚިދުމަތް މިއަދު ފަށްޓަވައިދެއްވީ އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ރައީސާއި ވަޒީރުންގެ އިތުރުން ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

ބީއެމްއެލުން ބުނީ، ދިއްދޫގެ އިތުރުން ފެންފުއްޓާއި ކުނބުރުދުއާއި މަންދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އދ. އަތޮޅަށް މި ހަފުތާގެ ތެރޭ އެ ޚިދުމަތް އެއްކޮށް ފުޅާކޮށް ނިމޭނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ބީއެމްއެލުން ވަނީ މިދިޔަ ހަފުތާގައި ރ. އަތޮޅުގެ ހަތަރުވަނަ ބްރާންޗް އެ އަތޮޅުގެ އަލިފުށީގައި ހުޅުވަން ނިންމައި އެ ބްރާންޗްގެ ބިންގާ އަޅައިފައެވެ. އަދި، މިދިޔަ މަހުގެ ފަހުކޮޅު މެދުދެކުނުގެ ރަށްރަށަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެސް ބައެއް ރަށްރަށުގައި އޭޓީއެމް ހުޅުވައިދެއްވާފައިވެއެވެ.

ބީއެމްއެލުން ބުނީ، ފުވައްމުލަކާއި އައްޑޫގެ އިތުރުން 18 އަތޮޅެއްގައި 42 ބްރާންޗާއި 189 ސެލްފް ސާވިސް ސެންޓަރުތަކުންނާއި 247 އޭޓީއެމަކުން ޚިދުމަތް ލިބޭނެ ކަމަށެވެ.

comment ކޮމެންޓް