ކުރު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު ތައާރަފުކޮށްފި

ނަފާ ފަންޑު ތައާރަފުކުރަން ބޭއްވި ހަފުލާގެ ތެރެއިން: މިއީ ކުރު މުއްދަތުގެ އިންވެސްޓްމަންޓަށް ޚާއްސަ ފަންޑެއް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ކުރު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ އިންވެސްޓްމަންޓް ވެހިކަލް ކަމަށްވާ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު (ދިނަފް) ރަސްމީކޮށް ތަޢާރަފުކޮށްފައެވެ.

ދިނަފްގެ ގޮތުގައި ތަޢާރަފުކޮށްފައިވާ މި ޕްރައިވެޓް ފަންޑަކީ ގިނަ އިންވެސްޓަރުންގެ ފައިސާ އެއްކޮށް، ޕްރޮފެޝަނަލް އަދި ލައިސަންސްޑް ފަންޑު މެނޭޖަރެއްގެ ބެލުމުގެ ދަށުން އެކި ބާވަތުގެ އެސެޓްތަކަށް އިންވެސްޓްކުރާ ކަލެކްޓިވް އިންވެސްޓްމަންޓް ސްކީމެކެވެ. މި ފަންޑުގެ ސަބަބުން ކުދި އިންވެސްޓަރުންނަށް ވެސް ބޮޑެތި އިންވެސްޓްމަންޓް ފުރުޞަތުތަކުގައި ބައިވެރިވެ، ފައިދާ ލިބޭނެއެވެ.

މި ފަންޑުގެ މައިގަނޑު އަމާޒަކަށްވަނީ ފަތުރުވެރިކަން، ރިއަލް އެސްޓޭޓް، އިންފްރާސްޓްރަކްޗާ އަދި ވިޔަފާރި ފައިނޭންސްގެ ދާއިރާތަކަށް އިންވެސްޓްކުރުމެވެ. މި ގޮތުން ފަސް އަހަރަށްވުރެ ކުރު މުއްދަތުގެ، އެކަށީގެންވާ ރިޓާން ލިބޭނެ ޕްރޮޖެކްޓްތަކުގައި އިންވެސްޓްކުރުމުގެ ފުރުޞަތު އިންވެސްޓަރުންނަށް ހުޅުވޭނެއެވެ.

ކޮލިފައިޑް އިންވެސްޓަރުންގެ ގޮތުގައި ޝަރުތުހަމަވާ އާންމު ފަރާތްތަކާއި އިންސްޓިޓިއުޝަންތަކަށް މި ފަންޑުގައި އިންވެސްޓްކުރުމުގެ ފުރުޞަތު މި ވަގުތަށް ހުޅުވައިލަނީ 'ދިނަފް-36'ގެ ގޮތުގައި ހަ މަހާއި ތިން އަހަރާ ދެމެދުގެ ޝޯޓް ޑިއުރޭޝަން ޑެޓް އިންސްޓްރޫމަންޓް އިންވެސްޓްމަންޓް ފުރުޞަތުތަކަށް ކަމަށް ފަންޑް މެނޭޖަރު މަޢުލޫމާތުދެއެވެ.

މި އިންވެސްޓްމަންޓުން 12.00 ޕަސެންޓާ ހަމައަށް ފައިދާ ލިބޭނެއެވެ.

ދިނަފް ތައާރަފުކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގު: މިއީ ކުރު މުއްދަތުގެ އިންވެސްޓްމަންޓަށް ޚާއްސަ ފަންޑެއް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ދިނަފް ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް ވަނީ ދިނަފްގެ ފަންޑު މެނޭޖަރުގެ ގޮތުގައި ރަސްމީކޮށް ޢައްޔަންކޮށްފައެވެ. މި ކުންފުނީގެ ބޯޑާއި ސީނިއާ މެނޭޖްމަންޓް ޓީމުގައި ހިމެނެނީ ފައިނޭންސް، ބޭންކިން، އިންޝުއަރެންސް އަދި ރާއްޖޭގެ އިޤުތިޞާދުގެ އެހެނިހެން މުހިންމު ދާއިރާތަކުން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅުންނެވެ.

މިކަމުގެ ސަބަބުން ފަންޑު ހިންގުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅެވި، ރަނގަޅު ވިޔަފާރި ގުޅުންތަކުގެ ތެރެއިން، އިންވެސްޓްކުރުމުގެ ފަހި ފުރުސަތުތަކެއް ހޯދައި ރަގަޅު ފައިދާއެއް އިންވެސްޓަރުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެން ލިބޭނެއެވެ. މި ފަންޑާ އެކު ކެޕިޓަލް މާކެޓް އިންވެސްޓްމަންޓް ޕްލެޓްފޯމްއެއްގެ ގޮތުގައި ދިނަފް ތައާރަފުވެ، ފުޅާވަމުންދާ ޕުރައިވެޓް ކެޕިޓަލް މާކެޓަށް އިތުރު ކުރިއެރުންތަކެއް ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް