ސަރުކާރު މަސް ކުންފުނި މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށްޓަކައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މަސްވެރިއަކު ހަމަޖައްސައިފިއެވެ.
ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރަސްމީ އެކައުންޓްގައި ހާމަކޮށްފައިވާ ގޮތުގައި، މިފްކޯގެ ބޯޑަށް އައްޔަންކުރީ ގދ. ތިނަދޫ، ރިހިވެލި / ރީޝަމް މުހައްމަދު ޝަރީފެވެ.
ރީޝަމްއާ އެކު މިފްކޯގެ ބޯޑުގައި މިވަގުތު ހަ ޑިރެކްޓަރުން ތިއްބަވާނެއެވެ. އެއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ފަރުހަތު ޝަހީރުގެ އިތުރުން ސަލާހު ޝަރީފާއި ޝިމާޒާއި ޝަޒްނާ މުހައްމަދާއި ޒުލައިޚާ ޔޫމީ ރަޝީދެވެ.
މި ވަގުތު މިފްކޯގެ ޗެއާމަންގެ މަގާމު ހިމެނޭހެން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ތިން މަގާމެއް އޮތީ ހުސްކޮށެވެ.
މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ ގޮތުން އެ ކުންފުނީގެ ބޯޑަށް މަސްވެރިއަކު އައްޔަންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.