ގޫގުލްއިން އައިފޯނަށް ބިންހެލުމުގެ އިންޒާރު ދޭގޮތް ހަދަނީ

ގޫގުލްގެ މިޚިދުމަތަކީ މުހިންމު ހިދުމަތެއްކަމަށް ގިނަބަޔަކު ގަބޫލުކުރޭ ---

'އެންޑްރޮއިޑް ބިންހެލުމުގެ އިންޒާރު ދިނުމުގެ ނިޒާމު' (އެންޑްރޮއިޑް އާތުކްއެކް އެލާޓް ސިސްޓަމް) އައިފޯން ބޭނުންކުރާ ފަރާތްތަކާ ހިއްސާކުރުމުގެ ގާބިލިއްޔަތު ތަރައްގީކުރުމުގެ މަސައްކަތް ގޫގުލްއިން ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިކަމުގެ ސަބަބުން ބިންހެލުމުގެ ހާދިސާތަކުގައި ރައްޓެހިންނާއި ގާތް މީހުންނަށް މައުލޫމާތު ދިނުން އިތުރަށް ފަސޭހަވާނެއެވެ. މި އާ ފީޗާ ތަރައްގީކުރާކަމުގެ މައުލޫމާތު ލިބިފައިވަނީ ގޫގުލް ޕްލޭ ސާވިސަސްގެ 25.40.30 ވަނަ ވާޝަންގެ އެޕްލިކޭޝަން ކޯޑު ތަހުލީލުކުރުމުން ކަމަށް މާހިރުން ވަނީ ވިދާޅުވެފައެވެ.

އިންޒާރެއް އަންނަ ހިނދު، އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އެ އިންޒާރު މެސެޖިން އެޕްލިކޭޝަންތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވުމުގެ އޮޕްޝަނެއް ފެންނާނެއެވެ. މި އިންޒާރުތަކުގައި #AndroidEarthquakeAlerts މި ހެޝްޓެގް ހިމެނޭނެ ކަމަށް ވެއެވެ.

އެންޑްރޮއިޑް ބިންހެލުމުގެ އިންޒާރު ދިނުމުގެ ނިޒާމަކީ 2020 ވަނަ އަހަރު ތައާރަފުކުރެވި، އިންޑިއާގައި 2023 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ނިޒާމެކެވެ. މި ނިޒާމުގެ މަގުސަދަކީ ބިންހެލުން އައުމުގެ ކުރިން އިންޒާރު ދިނުމެވެ.

ބިންހެލުން އަންނަކަން އަންގައިދޭ ނިޒާމު މަސައްކަތްކުރަނީ އެންޑްރޮއިޑް ސްމާޓްފޯންތަކުގައި ހުންނަ އެކްސެލެރޯމީޓަރުތައް ބޭނުންކޮށެވެ. މި ސެންސަރުތަކަށް ބިންހެލުމުގެ އަސަރުތައް އިހްސާސްވުމުން، ސިސްޓަމުން ކްރައުޑްސޯސްޑް ޑޭޓާ ބޭނުންކޮށްގެން ބިންހެލުމެއް އަންނަކަން ނުވަތަ އަންނަ ކަމަށް ލަފާކުރެވޭކަން ދެނެގަނެއެވެ. މި ނިޒާމަކީ ފުރިހަމަ ނިޒާމެއް ނޫން ނަމަވެސް، ބިންހެލުމުގެ ހާދިސާތަކުގައި ބޭނުންކުރާ ފަރާތްތަކަށް ކުރިން އިންޒާރު ދިނުމަށް އެހީތެރިވެދޭ މުހިންމު ރައްކާތެރިކަމުގެ ވަސީލަތެއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ބިންހެލުމެއްގެ ވަގުތުގައި އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ދެ ބާވަތެއްގެ އިންޒާރު ލިބިދާނެއެވެ. ކުދި ބިންހެލުންތަކަށް ނުވަތަ ބަލިކަށި ސިގްނަލްތަކަށް "ބީ އެވެއާ" އިންޒާރު ލިބޭއިރު، މެދުމިނުގެ ނުވަތަ ބޮޑެތި ބިންހެލުންތަކަށް "ޓޭކް އެކްޝަން" އިންޒާރު ލިބި، ރައްކާތެރިކަމުގެ އިރުޝާދުތައް ދެއެވެ. "ޓޭކް އެކްޝަން" އިންޒާރު އަންނަ ހިނދު، ފޯނުގެ ޑީއެންޑީ ސެޓިންގްސް ބައިޕާސްކޮށް، ސްކްރީން އެކްޓިވޭޓްވެ، ބާރު އަޑަކުން އިންޒާރު ދެއެވެ.

https://sun.mv/173815

ބިންހެލުން ހުއްޓުމުން، ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ބެލުމަށް "ނެކްސްޓް ސްޓެޕް" އޮޕްޝަންއަށް ފިތާލެވިދާނެއެވެ.

އައިފޯން ބޭނުންކުރާ ފަރާތްތަކަށް ބިންހެލުމުގެ އިންޒާރު ދިނުމުގެ ނިޒާމު ގޫގުލްއިން ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތަކީ، ޓެކްނޮލޮޖީގެ އެހީގައި ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މި ފީޗާގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންޑްރޮއިޑް އަދި އައިފޯން ބޭނުންކުރާ މިލިއަނެއްހާ ފަރާތްތަކަށް ބިންހެލުމުގެ ކުރިން އިންޒާރު ލިބި، ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދޭނެއެވެ.

comment ކޮމެންޓް