އައިފޯންގެ އާ އެޕްސްޓޯރު އިތުރު ތިން ގައުމަކަށް ތައާރަފުކުރަނީ

އޯލްޓްސްޓޯރު ރާއްޖޭގައިވެސް ބޭނުންކުރެވޭނެ ---

އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެޕަލްގެ އޮފިޝަލް އެޕް ސްޓޯރުގެ ބަދަލުގައި ބޭނުންކުރެވޭ އޯލްޓަނޭޓިވް އެޕް ސްޓޯރެއް ކަމަށްވާ އޯލްޓްސްޓޯރު، މި އަހަރުގެ ތެރޭގައި އިތުރު ތިން ގައުމަކަށް ތައާރަފުކުރުމަށް ތައްޔާރުވަމުންދާ ކަމަށް އިއުލާނުކޮށްފިއެވެ.

މި ގައުމުތަކަކީ އޮސްޓްރޭލިއާ، ބްރެޒިލް އަދި ޖަޕާނެވެ. މީގެ އިތުރުން، އަންނަ އަހަރު އިނގިރޭސިވިލާތުގައި ވެސް އޯލްޓްސްޓޯރު ތައާރަފުކުރުމަށް ވަނީ ނިންމައިފައެވެ.

އޯލްޓްސްޓޯރަކީ އެޕަލްގެ އެޕް ރިވިއު ގަވާއިދާ ޚިލާފުވާ ބައެއް އެޕްތައް ވެސް ހިމެނޭ އެޕް ސްޓޯރެކެވެ. މި އެޕް ސްޓޯރު ފުރަތަމަ ތައާރަފުކުރީ މިދިޔަ އަހަރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައެވެ. އެއީ ޑިޖިޓަލް މާކެޓްސް އެކްޓްގެ ދަށުން އެޕަލް އިން އޯލްޓަނޭޓިވް އެޕް ސްޓޯރުތަކަށް ހުއްދަ ދިނުމަށް މަޖުބޫރުވުމާ ގުޅިގެންނެވެ.

އޮސްޓްރޭލިއާ، ބްރެޒިލް، ޖަޕާން އަދި އިނގިރޭސިވިލާތުން ވެސް މިހާރު ދަނީ މިފަދަ ގަވާއިދުތައް ތަންފީޒުކުރުމަށް މަސައްކަތްކުރަމުންނެވެ. މިކަމުގެ ސަބަބުން މި ގައުމުތަކުގައި އޯލްޓްސްޓޯރު ތައާރަފުކުރުމަށް މަގުފަހިވާނެއެވެ. ނަމަވެސް، މިކަންކަން ހިނގާނެ ވަކި ތާރީޚެއް އަދި ސާފުކޮށް އެނގިފައެއް ނުވެއެވެ.

އޯލްޓްސްޓޯރުއިން ވަނީ އެޕަލްގެ ރަސްމީ އެޕް ސްޓޯރު ނޫން އެހެން އެޕް ސްޓޯރުތަކަށް ހުއްދަ ދިނުމަށް އެޕަލްއިން އަދި އެއްވެސް އިއުލާނެއް ނުކުރާ ކަމަށް ބުނެފައެވެ. އަދި މި ގައުމުތަކުގައި ގަވާއިދުތައް އަދިވެސް ފައިނަލް ނުކުރެވޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. އޯލްޓްސްޓޯރުން މިހާރުން މިހާރަށް މިކަން އިއުލާނުކުރީ އެޕް ސްޓޯރު ތައާރަފުކުރުމަށް ރާވާފައިވާ ގޮތުގެ މައުލޫމާތު ދިނުމަށެވެ.

އީޔޫގައި އައިއޯއެސް 17.4 އަދި އައިޕެޑްއޯއެސް 17.4 އާ އެކު 2024 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އޯލްޓަނޭޓިވް އެޕް ސްޓޯރުތަކަށް ސަޕޯޓް ދީފައިވެއެވެ. އޯލްޓްސްޓޯރު އާއި އެހެނިހެން އޯލްޓަނޭޓިވް އެޕް ސްޓޯރުތައް މި ޑިވައިސްތަކަށް ސަފާރީ ނުވަތަ އެހެން ވެބް ބްރައުޒާއެއް މެދުވެރިކޮށް އިންސްޓޯލް ކުރެވޭނެއެވެ.

އެމެރިކާގައި ވެސް މިދިޔަ އަހަރު ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އެޕަލްއާ ދެކޮޅަށް އެންޓިޓްރަސްޓް ދައުވާއެއް ކޮށްފައިވީ ނަމަވެސް، އެމެރިކާގައި އަދިވެސް އައިފޯނަށް އޯލްޓަނޭޓިވް އެޕް ސްޓޯރުތަކަށް ސަޕޯޓެއް ނުދެއެވެ. އޯލްޓްސްޓޯރު އިން ވަނީ އެޕް ސްޓޯރަށް "ފެޑިވާސް" ސަޕޯޓް ވެސް ލިބިގެންދާނެ ކަމަށް ބުނެފައެވެ. އެއީ އެކްޓިވިޓީޕަބް ޕްރޮޓޮކޯލް މެދުވެރިކޮށެވެ.

އޯލްޓްސްޓޯރު އަކީ އައިފޯނާއި އައިޕެޑްގައި އެޕަލްގެ އޮފިޝަލް އެޕް ސްޓޯރުން ބޭރުގެ އެޕްލިކޭޝަންތައް އިންސްޓޯލް ކުރުމަށް ބޭނުންކުރާ ތާރޑް-ޕާޓީ އެޕް ސްޓޯރަކަށްވާއިރު، ދިވެހިރާއްޖޭގައި ވެސް އޯލްޓްސްޓޯރު ބޭނުންކުރެވޭނެއެވެ. އެކަން ކުރެވޭނެ ގޮތަކީ ކޮމްޕިއުޓަރެއް (މެކް ނުވަތަ ވިންޑޯސް) ބޭނުންކޮށްގެން، އޯލްޓްސްޓޯރުގެ ރަސްމީ ވެބްސައިޓް (އޯލްޓްސްޓޯރު.އައިއޯ) އިން އޯލްޓްސާވާ ޑައުންލޯޑްކޮށް އިންސްޓޯލް ކުރުމެވެ.

ދެން، އައިފޯން ނުވަތަ އައިޕެޑް ކޮމްޕިއުޓަރާ ގުޅާލުމަށްފަހު، އައިޓިއުންސް ނުވަތަ ފައިންޑާ އިން ވައިފައި ސިންކް ކޮށްލައި، ކޮމްޕިއުޓަރުގައި ހުންނަ އޯލްޓްސާވާ އެޕްލިކޭޝަން މެދުވެރިކޮށް އައިއޯއެސް ޑިވައިސްއަށް އޯލްޓްސްޓޯރު އިންސްޓޯލް ކުރެވޭނެއެވެ. އޯލްޓްސްޓޯލް އިންސްޓޯލް ކޮށްލުމުން ކޮންމެ އިރަކުވެސް ކޮންމެ އެޕެއްވެސް ފަސޭހަކަމާއެކު އިންސްޓޯލް ކޮށްލެވޭނެއެވެ.

comment ކޮމެންޓް