"ދިވެހިންނަށް ފަހިވާގޮތަށް" އިންވެސްޓްކުރުމުގެ އުސޫލަށް އިސްލާހު ގެނެސްފި

މިދިޔަ އަހަރު ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިން ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ނުކުރެވޭނެ ދާއިރާތައް އިސްލާހުކޮށް، އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި ގެޒެޓުގައި ބުނީ، ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ނުކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ތަސްދީގުކޮށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ވަޒީރުންގެ މަޖިލީހުން ފާސްކުރި މި އިސްލާހުތައް ގެނެސްފައިވަނީ ދިވެހި ވިޔަފާރިވެރިން ވާދަވެރިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އިގްތިސޯދީ ސިނާއަތްތައް ދިވެހި ވިޔަފާރިވެރިންނަށް، އަދި ބޭރުގެ އިންވެސްޓަރުންގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން އިންވެސްޓްކުރުމަށް ލިބޭ ގޮތަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރެވޭނެ ދާއިރާތައް އިސްލާހުކުރުމުގައި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާނެ އަސަރާއި އެތެރޭގެ މާކެޓުގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި އެ ދާއިރާއެއްގައި ދިވެހި ވިޔަފާރިވެރިން ހަރަކާތްތެރިވާ މިންވަރަށާއި އެ ދާއިރާއެއްގައި ބޭރުގެ އިންވެސްޓްމަންޓާއި ތަޖުރިބާ ބޭނުންވާ މިންވަރަށާއި، އިންވެސްޓްމެންޓްގެ ސަބަބުން އަންނާނެ ކުރިއެރުންތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.

މި އިސްލާހުތައް ގެޒެޓްކުރާ ދުވަހުން ފެށިގެން، ކުރިން ދީފައިވާ ހުއްދަތަކެއްގެ ދަށުން ރާއްޖޭގައި ބޭރުގެ ކުންފުނިތަކުން ހިންގަމުންދާ ބައެއް ވިޔަފާރި ދާއިރާތައް ވިޔަފާރިކުރުން މަނާ ދާއިރާތަކެއްގެ ގޮތުގައި ކަނޑައެޅި، އަދި ބައެއް ދާއިރާތައް ޖޮއިންޓް ވެންޗާ އުސޫލުން ނުވަތަ ކަނޑައެޅިފައިވާ ވަކި ޝެއާހޯލްޑިން ޝަރުތުތަކެއް ފުރިހަމަވެގެން ނޫނީ ހަރަކާތްތެރިނުވެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން ބުނިގޮތުގައި، އެފަދަ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބޭރުގެ ވިޔަފާރިތަކަށް ޓްރާންސިޝަނަލް މުއްދަތެއްދީ، އާ އިސްލާހުތަކާ އެއްގޮތަށް އަމަލުކުރަން ފުރުސަތު ދެވިގެންދާނެއެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ބޭރުގެ އިންވެސްޓަރުން އިންވެސްޓްކުރުން މަނާ ދާއިރާތައް

  1. އިމާރާތްތަކަށް ސާވިސްދިނުމުގެ ޚިދުމަތް
  2. ބިޒްނަސް ސަޕޯޓު
  3. ރިސޯޓުތައް ބިނާކުރުން (10 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނަމަ)، އިމާރާތްކުރުން (15 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނަމަ)
  4. އެޑިއުކޭޝަނަލް ސަޕޯޓް އެކްޓިވިޓީ، ޓިއުޝަން އަދި ޤުރުއާން ކްލާސްތައް ހިންގުން
  5. ސަރުކާރާއި އާންމު ޚިދުމަތްތައް
  6. ފިޒިއޮތެރަޕީ ނޫން ދެން ހުރި ކްލިނިކްތައް ހިންގުން
  7. ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާއިން ޕިކްނިކް އައިލެންޑް ހިންގުމާއި ކެފޭ ރެސްޓޯރަންޓް ޚިދުމަތްދިނުމާއި ޓްރެވަލް އޭޖެންސީއާއި ޓުއާ އޮޕަރޭޓަރުންގެ ޚިދުމަތް ދިނުމާއި އެމްޕްލޯއިމަންޓް އޭޖެންސީތައް ހިންގުން
  8. ލީސްކުރުމާއި ކުއްޔަށް ދިނުމުގެ ޚިދުމަތްތައް
  9. ލޮޖިސްޓިކްސް އަދި ޕޯސްޓުގެ ޚިދުމަތްތައް
  10. ދުންފަތުގެ ބާވަތާއި ފަރުނީޗަރު ފިޔަވައި ލަކުޑިއާއި ރަބަރާއި ޕްލާސްޓިކާއި ހޭންޑިކްރާފްޓް އުފެއްދުން
  11. ބަންކަރިން
  12. ފޮޓޯ ނެގުމާއި ވީޑިއޯކުރުމާއި ޕަބްލިޝިން
  13. އާންމު ކަނޑު ދަތުރުފަތުރު
  14. ނަން ޕްރޮފިޓް ޖަމިއްޔާތައް ހިންގުން
  15. ވެލި ނެގުން
  16. އިޝްތިހާރުކުރުމާއި އިވެންޓްތައް މެނޭޖްކުރުމާއި ގާނޫނީ މަސައްކަތާއި މާކެޓް ރީސާޗް
  17. ރިއަލް އެސްޓޭޓް ވިޔަފާރި (100 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނަމަ)
  18. ކޮމްޕިއުޓަރާއި އަމިއްލަ އަދި ގޭގައި ހިފާ ގެންގުޅޭ ތަކެތި މަރާމާތުކުރުމުގެ ޚިދުމަތް
  19. ސަލާމަތާއި ތަހްގީގާ ގުޅޭ ޚިދުމަތް
  20. އާންމު ރީޓެއިލް ހޯލްސޭލް އަދި އިމާރާތްކުރުމުގެ ދާއިރާގެ ހޯލްސޭލް
comment ކޮމެންޓް