ޕީސް ޖާނަލިސްޓް ޕްރޮގްރާމް ސައުދީގެ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)އިން އިއްޔެ ފަށައިފިއެވެ.
ރާއްޖޭގެ އެކި މީޑީއާތަކުން ބައިވެރިވި މި ޕްރޮގްރާމުގައި، ހަރުކަށި ފިކުރުގެ ވާހަކަތައް ދެނެގަތުމާއި އެފަދަ ވާހަކަތައް ދިރާސާކުރުމާއި މީޑިއާގެ ވާހަކަތައް ދެނެގަތުމަށް ބޭނުންކުރާ ޓެކްނިކަލް ވަސީލަތްތައް ދިރާސާކުރާނެއެވެ.
އޭގެއިތުރަށް، ނަފްރަތު އެފެއްދުމަށް ފަތުރާ ވާހަކަތައް ހުއްޓުވުމާއި މީޑިއާގެ އިނިޝިއޭޓިވްތައް ބޭނުންކުރުމުގެ އެންމެ ރަނގަޅު އުކުޅުތައް ބަލައި ދިރާސާ ކުރުން ހިމެނެއެވެ.

މާލޭގައި ޕީސް ޖާނަލިސްޓް ޕްރޮގްރާމް ފެށުން ---
މި ޕްރޮގްރާމު ފެށުމަށް ކުރުނބާ މޯލްޑިވްސްގައި އޮތް ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
އެގޮތުން އެ ހަފްލާގައި މިޒްނާ ވިދާޅުވީ، މި ޕްރޮގްރާމުގެ މަގުސަދަކީ ނަފްރަތު އުފެއްދުމުގެ ވާހަކަތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މީޑިއާގެ ދައުރު ފުޅާކުރުން ކަމަށެވެ. އަދި އެ ކަމުގައި ޚަބަރުތަކުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިޒްނާ ވަނީ، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސައުދީ އަރަބިއާއިން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މާޅޭގައި ޕީސް ޖާނަލިސްޓް ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---
އަދި ހަރުކަށި ވިސްނުމާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތައް ބިނާކުރުމަށް އައިއެމްސީޓީސީން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
ނޫސްވެރިންނާއި މަދަނީ ދާއިރާގެ އެކި މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމުގައި ޑިޖިޓަލް ހަރުކަށިކަމުގެ ދަތިތަކާ ކުރިމަތިލުމުގެ ގާބިލުކަަން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ.
ޕްރޮގްރާމް ހިންގާ އައިއެމްސީޓީސީއަކީ، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.