އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ އަބްދުއްރަހްމާން އަނެއްކާވެސް ބަންދުން ދޫކޮށްލާފައި ހުންނަތާ އެތައް ދުވަހެއްވެއްޖެކަން އެނގިއްޖެއެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ ވަކި މުއްދަތަކަށް، ޝަތުރުތަކަކާއެކު ކުރިންވެސް ދޫކޮށްލިއެވެ. އެކަމަކު އެ ފަހަރުވެސް ދައުލަތުން މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން ލަމްހާ އަލުން ބަންދުކުރިއެވެ.
އެކަމަކު "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަމްހާ މިހާރު އަނެއްކާވެސް ހުރީ ދޫކޮށްލާފައެވެ. ލަމްހާ ބަންދު ކުރަން ދައުލަތުން އެދޭއިރު، ކްރިމިނަލް ކޯޓުގެ ހުށަހެޅުމަކީ އޭނާގެ ފައިގައި ޓެގް އަޅުވައި އޭނާ މޮނިޓާ ކުރުން ކަމަށްވަނީ އެނގިފައެވެ.
ލަމްހާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމައަށް އެ ކޯޓުގައި ތާވަލުކޮށްފައިވާއިރު، މާދަމާގެ އަޑުއެހުމުގައި ލަމްހާގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ލަމްހާއަކީ ނުރައްކާތެރި މީހެއް ކަމަށް ބުނެ، އޭނާ ބަންދުކޮށްދޭން ދައުލަތުން ކުރިންވަނީ ހައިކޯޓުގައި ވެސް އެދިފައެވެ.
ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
އޭނާގެ މަރުގެ މައްސަލައިގައި ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27ވަނަ ދުވަހެވެ. އެއަށްފަހު މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށް ތުހުމަތުކުރެވޭ ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16ވަނަ ދުވަހެވެ.
މާވިންއަށް ވަނީ މަރުގެ ދައުވާ ކޮށްފައެވެ. އަދި ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.
ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން ހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.