އަމިއްލައަށް މަރުވާ މީހުން މަދުކުރުމަށް ސްޓެރެޓެޖީއެއް އިފްތިތާހުކޮށްފި

ނަފްސާނީ ބަލީގައި އަމިއްލައަށް މަރުވާ މީހުން މަދުކުރުމަށް ސްޓެރެޓެޖީ އިފްތިތާހުކުރުން: މިއީ ކުރިއަށް އޮތް ފަސް އަހަރަށް އިފްތިތާހުކުރި ސްޓެރެޓެޖީއެއް ---- ފޮޓޯ/ ހެލްތު މިނިސްޓްރީ

ނަފުސާނީ ބަލީގައި އަމިއްލައަށް މަރުވާ މީހުން މަދުކުރުމަށް އިސްކަންދޭ ސްޓެރެޓެޖީއެއް މިއަދު އިފްތިތާހުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި 'ނެޝަނަލް ސިއުސައިޑް ޕްރިވެންޝަން ސްޓްރެޓެޖީ' އިފްތިތާހްކޮށްދެއްވީ ސާވިސަސްގެ ޑިރެކްޓާ ޖެނެރަލް ޑރ. އަހްމަދު އަޝްރަފެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލި މި ޕްލޭނަކީ، ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވާ މީހުންގެ އަދަދު ތިންބައިކުޅަ އެއްބައި މަދުކުރުމަށް އިސްކަންދޭ ކަންކަމާއި މިކަމަށް ހުރި ލަނޑުދަނޑިތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ސްޓްރެޓެޖީއެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިކަމުގެ މައިގަނޑު މަގުސަދަކީ އާންމު ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ބަލީގެ ސަބަބުން އަމިއްލަ ފުރާނަ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ނަފްސާނީ ބަލީގައި އަމިއްލައަށް މަރުވާ މީހުން މަދުކުރުމަށް ސްޓެރެޓެޖީ އިފްތިތާހުކުރުން: މިއީ ކުރިއަށް އޮތް ފަސް އަހަރަށް އިފްތިތާހުކުރި ސްޓެރެޓެޖީއެއް ---- ފޮޓޯ/ ހެލްތު މިނިސްޓްރީ

ސްޓްރެޓެޖީގެ ދަށުން ކުރާނެ ކަންކަން:

  • ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވުމުގެ ހުއްޓުވުމުގެ ސިޔާސަތުތައް ބައްޓަންކުރުން
  • އިޖްތިމާޢީ ހުނަރުތައް ދަސްކޮށްދިނުން
  • ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ތަނަވަސްކުރުން
  • ނާޒުކު ހާލަތުގައި ތިބި ފަރާތްތައް ދެނެގަނެ، ވަގުތުން އެހީ ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުން
  • ޑިޖިޓަލް އަދި މީޑިއާ ހޭލުންތެރިކަން އިތުރުކުރުން
  • ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރުން

"މި ސްޓްރެޖީގެ ސަބަބުން، މި ފަދަ މައްސަލަތަކަށް ހުށައެޅޭ ފަރާތްތައް އަވަހަށް ދެނެގަނެ، އިތުރުއެހީ ބޭނުންވާ ފަރާތްތަކަށް ރިފަރަލްގެ ހިދުމަތް ފޯރުކޮށްދިނުމާޢި، ފަރުވާގެ ޕްރޮގްރާމްތަކުގައި ދެމިތިބުމަށް ބާރުއެޅުމާއި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ހިމެނޭ," އެ މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރަށް، މުޖުތަމަޢުގެ ވިލުންތެރިކަން އިތުރުކުރުމާއި، އިޖުތިމާއީ ކަންކަމުގައި މުޖުތަމަޢު ބައިވެރިކޮށް، ނާޒުކު ފަރާތްތަކަށް އަވަހަށް ނަފްސާނީ އެހީ ދިނުމާއި ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާ ކުރުން ހިމެނެއެވެ.

ނަފްސާނީ ބަލީގައި އަމިއްލައަށް މަރުވުމަކީ ދުނިޔޭގެ އާންމު ޞިއްޙަތުގެ ކަންބޮޑުވުމެއް ކަމަށްވާއިރު، ކޮންމެ އަހަރަކު 720،000 އަށް ވުރެ ގިނަ މީހުން އެކަމަށް ހުށަހެޅޭކަން މިނިސްޓްރީން ފާހަގަކުރިއެވެ.

މިނިސްޓްރީން ބުނީ، އެކަށީގެންވާ ތަޢުލީމީ ފެންވަރެއް ނެތުމާއި ފައިސާގެ ދަތިކަމާާއި ގެވެށި އަނިޔާ ފަދަ މައްސަލަތަކާއި މަސްތުވާތަކެތި ގިނަ ދުވަހު ބޭނުންކުރުމުގެ ސަބަބުން ނަފްސާނީ ބަލީގެ ޝިކާރައަކަށްވާ މީހުންގެ ޢަދަދު ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

ރާއްޖޭގައި ނަފްސާނީ ބަލީގައި އަމިއްލައަށް މަރުވާ ހާދިސާތައް އިތުރުވަމުން އަންނައިރު، މިއީ ޤައުމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ނާޒުކު މައްސަލައެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއީ މުޖުތަމަޢުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުކުރުވާ ގޮންޖެހުމެއްކަން ފާހަގަކުރެވޭކަން މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި އަމިއްލައަށް މަރުވުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.

comment ކޮމެންޓް