އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދު ކުރަން އަނެއްކާވެސް ކްރިމިނަލް ކޯޓުން ދެކޮޅު ހަދައި، އޭނާ އަލުން ބަންދުކުރަންޖެހޭ ވަރުގެ ނުރައްކަލެއް އޮތްތޯ ބަލަން އެސެސްމެންޓެއް ހަދަން އަނެއްކާ ވެސް އަންގައިފިއެވެ.
މޭރީގެ މަރާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ދޫކޮށްލުމުން، މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން ދައުލަތުން އޭނާ އަލުން ބަންދު ކުރިއެވެ. ލަމްހާ، ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023 އެވެ. އެ ފަހަރު ވެސް ދައުލަތުން މައްސަލަ އިސްތިއުނާފުކުރިއެވެ. އޭގެ ފަހުން ވެސް ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ދިޔައެވެ.
ލަމްހާގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ މިހާރު ބަންދުން ދޫކޮށްލާފައިހުރި ލަމްހާ، އަލުން ބަންދުކުރުމާމެދު ގޮތެއް ނިންމޭނީ އޭނާގެ ފުށުން މުޖުތަމައުއަށް އޮތް ނުރައްކާ ބެލުމަށް އެސެސްމަންޓެއް ހެދުމަށް ފަހު ކަމަށެވެ. އެ އެސެސްމަންޓް ހަދަން ދައުލަތަށް އަންގާފައި ވިޔަސް، މިއަދާ ހަމައަށް ވެސް އެކަން ކޮށްފަނުވާކަން ގާޒީ ފާހަގަ ކުރެއްވިއެވެ.
ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގެ މައްސަލައިގައި ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27ވަނަ ދުވަހެވެ. އެއަށްފަހު މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށް ތުހުމަތުކުރެވޭ ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16ވަނަ ދުވަހެވެ.
ލަމްހާ އަލުން ބަންދު ކުރުމަށް ބޭނުންވާ އެސެސްމެންޓާ ގުޅޭ ގޮތުން ދައުލަތުން ބުނީ، އެ އެސެސްމަންޓް ހަދާފައި ނުވަނީ ބަންދުކޮށްދޭން އެދޭ ހާލަތުގައި އެފަދަ އެސެސްމަންޓެއް ހެދުމަށް ވަކި އިންތިޒާމުތަކެއް ނުވަތަ އުސޫލުތަކެއް ހަމަޖެހިފައި ނެތުމުން ކަމަށެވެ.