ސިޓީ ކައުންސިލްތައް އޮވެގެން ނުވާ ކަންކަން ރަށު ކައުންސިލްތަކުން ކުރާ ކަމަށާއި، ފޭދޫ އައްޑޫ ސިޓީ ކައުންސިލާ ވަކިވެއްޖެނަމަ ފޭދުއަށް ކުރާނެ ފައިދާ މާ ބޮޑުވާނެ ކަމަށް، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، އައްޑޫގައި ފެންނަ ނުފެންނަ ވޯޓެއް މި ނަގަނީ އައްޑޫގެ އިދާރީ މަސައްކަތްތައް ކުރިއަށްދަނީ، އަދި ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އެ ސިޓީގެ ބައެއް ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހު ދަންނަވާތީ ކަމަށެވެ.
އައްޑޫ ސިޓީއެއްގެ ގޮތުގައި އުފެދުނުއިރު އެ ސިޓީގެ ފޭދުއާއި މީދޫން ބުނީ ނޫނެކޭ ކަމަށާއި، އެކަމަކު އޭރުގެ ސަރުކާރުން އެގޮތަށް ބޭއްވީ ކަމަށް އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވީ، ހުރިހާ ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އައްޑޫގައި ތަފާތުތަކެއް އޮންނަ ކަމަށެވެ.
އެގޮތުން ހިތަދޫގައި ބޮޑު އާބާދީއެއް އޮންނަކަން ފާހަގަކުރައްވައި އައިބީ ވިދާޅުވީ، ގިނަ ކައުންސިލަރުންތަކެއް ހިތަދޫން އިންތިޚާބުވެ މެޖޯރިޓީ އޮންނަނީ ހިތަދުއަށް ކަމަށެވެ. އެހެންވެ އައްޑޫގެ ތަރައްގީގައި ގޮތް ނިންމާއިރު ގިނަ ކަންތައްތަކެއް ނިމިގެން ދަނީ އައްޑޫގެ އެހެނިހެން ރަށްތައް ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓްގެ ތެރެއިން އައްޑޫ ކައުންސިލަށް ލިބޭ ބޮޑުބައެއް ހޭދަވަނީ ކައުންސިލުން ބޭނުންވާ ދިމަދިމާލަށެވެ.
"މިސާލަކަށް ފޭދޫގެ ބަޖެޓުން ގަނެފަ އޮވެދާނެ މަގުބައްތިތައް ބަދަލުކުރުމަށްޓަކައި މަސައްކަތްކުރުމަށް ފަސޭހައަކަށް، އެވެސް ބޭނުންމިކުރަނީ ހިތަދޫގައި މިސާލަކަށް މިހާރު ވެސް، އެ ބޭފުޅުން ދިނީމަ ފޭދޫއަށް މިލިބެނީ، މިކަހަލަ ގޮތަކަށް، ދެން ހުޅުދޫމީދޫއަށް ބަލާއިރު އެ ދެ ރަށު ރައްޔިތުންނަށް ވެސް ވަރަށް ގިނަ ދަތިތައް ދިމާވޭ،" އައިބީ ވިދާޅުވިއެވެ.
އެއާއެކު، ދ. ކުޑަހުވަދޫން މިސާލު ނަންގަވައި އައިބީ ވިދާޅުވީ، ކުޑަހުވަދޫގައި ރަށު ކައުންސިލެއް އޮންނައިރު އެ ރަށުގައި އެއާޕޯޓާއި ސްކޫލާއި ގެސްޓްހައުސް ވިޔަފާރިއާއި ފެނާއި ނަރުދަމާގެ އެންމެހާ ޚިދުމަތްތައް ބަރާބަރަށް ލިބެމުން އަންނަ ކަމަށެވެ. އަދި މުއްސަނދިކަން ލިބޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ފެންނަ ނުފެންނަ ވޯޓަކީ އައިބީ ވިދާޅުވިގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި އެހެން ރަށްތައް އޮތުމާ މެދު އައްޑޫ ރައްޔިތުން ގޮތް ނިންމަން އޮތް ރަނގަޅު ފުރުސަތެކެވެ.
"އެހެންވީމަ އައްޑޫ ސިޓީގައި ހަމަ ސިޓީ އޮންނާނެ މިހާރު ވެސް، ގާނޫނީގޮތުން މިސާލަކަށް ދިހަ ހާސް މީހުން ހަމަވަނީ ހިތަދޫގައި ކަމަށްވަންޏާ ހިތަދޫއަކީ ސިޓީއެއް މިހާރު ވެސް، ދެން އެއާ ގުޅެން ބޭނުންވާ ފަރާތްތައް ގުޅެންވީ، ވަކިވާން ބޭނުންވާ ފަރާތްތަކަށް ވަކިވުމުގެ ފުރުސަތު އޮންނާނެ، އެހެންވީމާ ވަކިވާ މީހުންނަށް އޮންނަ ގޮތަކީ އެ ބަޔަކަށް ދައުލަތުން ވަކި ބަޖެޓެއް ލިބޭނެ،"
އަމިއްލަ ދާއިރާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު، ފޭދޫ ވަކި ރަށެއްގެ ގޮތުގައި އޮންނަން ބޭނުންކަމަށް ފޭދޫ ރައްޔިތުން ނިންމައިފިނަމަ، ބަޖެޓުން ބޭނުންވާ ކަންކަން ފޭދުއަށް ޚާއްސަކޮށްގެން ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އޭރުން ބިން ދޫކުރުމަށާއި ވިޔަފާރި ރަޖިސްޓްރީކުރުމަށް ފޭދުއަށް އެހެން ރަށެއްގެ ނުފޫޒެއް ނޯންނާނެ ކަމަށެވެ.
ރަށްރަށް ތަރައްގީކުރެވޭނީ އެ ރަށެއްގެ އެންމެންގެ ގާބިލުކަމާއި ހުނަރުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައިގެން، ސަރުކާރާ ގުޅިގެން މަސައްކަތްކުރުމުން ކަމަށާއި، ވަކި ސަރުކާރަކަށް ނޫނެކޭ ބުނުމުން ތަރައްގީއެއް ނާންނާނެ ކަމަށް އައިބީ ވިދާޅުވިއެވެ. ރަށު ކައުންސިލްތަކާއި އެ ރަށްރަށުގެ ރައްޔިތުން އެކުގައި ތަރައްގީއަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، ގިނަ ރަށްރަށް ތަރައްގީވީ ގުޅިގެން މަސައްކަތްކޮށްގެން ކަން އޭނާ ފާހަގަކުރެއްވިއެވެ.
އައިބީ ވިދާޅުވީ ޚިޔާލު ހޯދާ ވޯޓުގެ ފުރުސަތުގެ ބޭނުން ހިފައިފިއްޔާ ފޭދުއަށް ކަންކަން ނިންމޭނެ ކަމަށާއި، މިހާރުވެސް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި އޮވެ، ފޭދޫ ރައްޔިތުން އެދޭ ގޮތަށް ބައެއް ކަންކަން ނުނިމޭ ކަމަށެވެ.