އައްޑޫ ސިޓީގެ ކައުންސިލް އެކުލެވިފައިވާ ގޮތާ ގުޅޭ ގޮތުން ތިން ރަށެއްގައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން ވަކި ކޮޅަކަށް ބުރަ ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އައްޑޫގެ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ވޯޓެއް ނެގުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން މިދިޔަ މަހު 13ގައި ރައީސް ވަނީ އިއުލާންކުރައްވައިފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އައްޑޫގައި ވަކި ކައުންސިލްތައް އުފެއްދުމާ މެދު އެ ސިޓީގެ ތިން ރަށެއްގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 24 ނުވަތަ 25ގައި ބާއްވަން ވަޒީރުންގެ މަޖިލީހުން ނިންމައިފައިވާ ކަމަށެވެ. އެ ތިން ރަށަކީ ފޭދޫ، ހުޅުދޫ އަދި މީދުއެވެ.
އެ ވޯޓާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ފޭދޫ، ހުޅުދޫ އަދި މީދޫގައި ނަގާ ވޯޓުގައި ސަރުކާރުގެ ވަކި ކޮޅަކަށް ބުރަ ނުވާނެ ކަމަށެވެ.
"ސަރުކާރުން އިޚްތިޔާރު ކުރާ ވަކި ނަތީޖާއެއްނެތް. ރައްޔިތުންގެ މެޖޯރިޓީއިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ." އެ މަނިކުފާނު ވިދާޅުވިއެވެ.
އައްޑޫގައި ނަގާ ވޯޓުގައި، އެސިޓީގެ ފޭދުއާއި ހުޅުދުއާއި މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނަގާނެއެވެ.
މީގެ އިތުރުން ހުޅުދުއާއި މީދޫ، އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ވެސް ވޯޓު ނަގާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެއިތުރަށް، ޢާންމު ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވާލާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އައްޑޫގެ ކައުންސިލާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމެވުމުން، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އައްޑޫ ސިޓީގައި ކައުންސިލް އޮންނަންވީ ގޮތަކާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އެ ސިޓީގެ ތަރައްގީއަށް ބޮޑު ހިޔަންޏެއް އެޅޭނެ 'ނުބައި' ނިންމުމަކަށް ވާނެ ކަމަށެވެ.
އެ ވޯޓަކީ، ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ ގޮތުން ހަދާފައިވާ އައު ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓަށް ވާނެއެވެ.
ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ވޯޓަށް އަހާއިރު، ފޭދޫގެ އާބާދީއަކީ 5،810 މީހުންނެވެ. ހުޅުދޫގައި 3,742 މީހުން ދިރިއުޅޭއިރު، މީދޫގައި އަންނަނީ 3،074 މީހުން ދިރިއުޅެއެވެ.