އެޕަލް އައިނުގައި އޭއާރު ސްކްރީނެއް ނުހުންނާނެ: ރިޕޯޓް

އެޕަލް އައިނު: ބާޒާރާ ހަމައަށް ފޯރާނެކަމަށް ބެލެވެނީ 2027ގައި ---

މެޓާގެ ރޭ-ބަން އައިނާ ވާދަކުރުމަށް އެޕަލްއިން ތައްޔާރުކުރާ އެޕަލް އައިނުގެ ފުރަތަމަ ޖެނެރޭޝަންގައި އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) ސްކްރީނެއް ނުހުންނާނެ ކަމަށް އެޕަލްއާ ގުޅޭ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ އެޕަލްއިންސައިޑާ އިން ރިޕޯޓުކޮށްފިއެވެ.

ބްލޫމްބާގްގެ ރިޕޯޓަކާ ހަވާލާދީ އެޕަލްއިންސައިޑާގައި ބުނެފައިވާ ގޮތުގައި، އެޕަލް އައިނުގެ ފުރަތަމަ ވާޝަން 2026 ވަނަ އަހަރު އިއުލާންކޮށްފާނެއެވެ. ނަމަވެސް، ބާޒާރަށް ނެރެވޭވަރުވާނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ. މިއީ އެޕަލްގެ އާ އުފެއްދުންތަކަށް އިންތިޒާރު ކުރާ ފަރާތްތަކަށް ލިބުނު މާޔޫސްކަމަކަށްވެސް ވެދާނެއެވެ. ސަބަބަކީ އެ އައިނުގެ ފުރަތަމަ ވާޝަންގައި މުހިންމު ފީޗާއެއް ކަމަށްވާ އޭއާރު ޑިސްޕްލޭއެއް ނުހުންނާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވާތީއެވެ.

https://sun.mv/211514

އޭއާރު ސްކްރީނެއް ހިމެނޭނީ އެޕަލް ގްލާސަސްގެ ދެވަނަ ޖެނެރޭޝަންގައި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. މި ދެވަނަ ޖެނެރޭޝަންގެ އިތުރު ތަފްސީލެއް އަދި ބާޒާރަށް ނެރޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރީގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، އޭއާރު ޑިސްޕްލޭއެއް ލެންސްގެ ތެރެއަށް ހިމެނިފައި ހުރެދާނެއެވެ. މިއީ މުސްތަގުބަލުގައި އެޕަލްގެ އައިނުގެ ތެރެއިން ލިބިގެންދާނެ ތަފާތު ތަޖުރިބާއެއްގެ އިޝާރާތެކެވެ.

އޭއާރު ނެތް ފުރަތަމަ ވާޝަންގައި އެޕަލް ވޮޗްގައި ބޭނުންކުރާ އެޕަލް ސިލިކަން ޕްރޮސެސަރަކާ އެއްގޮތް ޕްރޮސެސަރެއް ހުންނާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. މި ޕްރޮސެސަރުގެ ސަބަބުން ފޯނު ކޯލު ކުރުމާއި، ސިރީއަށް އެދޭ އެދުންތައް ފުރިހަމަ ކުރުމާއި، ފޮޓޯ ނެގުން ފަދަ ކަންކަން ކުރެވޭނެއެވެ. މާނައަކީ ފުރަތަމަ ޖެނެރޭޝަންގެ އައިނަކީ އަސްލުވެސް މައިގަނޑު ގޮތެއްގައި ސްމާޓްވޮޗްއެއްގެ ފަދަ މަސައްކަތްތަކެއް ކުރެވޭނެ އުފެއްދުމެއް ކަމުގައި ވެދާނެއެވެ.

އެޕަލްގެ އުފެއްދުންތަކަށް އިންތިޒާރު ކުރަމުން އައި ޔޫޒަރުން އެޕަލް އައިނަކަށް އުންމީދުކުރާއިރު، ކުރިން ބެލެވުނު ގޮތުގައި އެޕަލް އައިނުގައި އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) ޑިސްޕްލޭއެއް ހުންނާނެއެވެ. ނަމަވެސް މި ޚަބަރުން ހާމަވާ ގޮތުގައި ފުރަތަމަ ޖެނެރޭޝަންގައި އެފަދަ ޑިސްޕްލޭއެއް ނުހުންނާނެއެވެ. މިއީ ޓެކްނޮލޮޖީ ދުނިޔޭގައި އާންމުކޮށް އެފަދަ އައިނުތަކުން ލިބޭނެ ކަމަށް އިންތިޒާރުކުރާ އެންމެ މުހިންމު އެއް ފީޗާއެވެ. މި ސަބަބަށް ޓަކައި އެޕަލްއައިނުގެ ޑިމާންޑް ހީކުރިވަރަށްވުރެ ދަށްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

comment ކޮމެންޓް