ސްޓީވް ޖޮބްސްއަކީ އީޖާދީ މަސައްކަތްތަކަށް މަގުދެއްކި ދުރުވިސްނޭ ޝަޚްސެއް: ޓިމް ކުކް،

ކުކް (ކ) އާއި ޖޮބްސް ---

އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް، އެޕަލްގެ ބާނީ ސްޓީވް ޖޮބްސް މަރުވިތާ 14 އަހަރު ފުރުނު ދުވަހު، ޖޮބްސްގެ ހަނދާން އާކޮށްފިއެވެ.

ކުކް ވިދާޅުވީ ޖޮބްސްއަކީ އީޖާދީ މަސައްކަތްތަކަށް މަގުދެއްކި ދުރުވިސްނޭ ޝަޚްސިއްޔަތެއް ކަމަށެވެ.

އޮކްޓޯބަރު ފަހެއް، 2011ގައި 56 އަހަރުގައި ސްޓީވް ޖޮބްސް މަރުވިވިއިރު، އެއީ އެޕަލް އައިފޯން 4އެސް އާއި ސިރީ ތައާރަފުކުރިތާ އެއްދުވަސް ފަހެވެ. ޓިމް ކުކް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓީވްގެ މަތިން ހަދާން އާކުރައްވާ އޭނާއަށް ތައުރީފްކުރެއްވިއެވެ.

"ސްޓީވް ދެކެވަޑައިގަތީ މުސްތަޤްބަލަކީ ފަޅުފިލާފައިވާ، ހައްދެއްނެތް ތަނެއްގެ ގޮތުގައި، އަދި އޭނާ ވަނީ ކުރިއަށްދާނެ މަގު ދައްކުވައި، އަޅުގަނޑުމެންނަށް އެ މަގުން ދިއުމަށް ހިތްވަރުދެއްވައިފައި، އަޅުގަނޑުމެންނަށް އޭނާގެ ހަނދާން ވަރަށް ބޮޑަށް ކުރެވޭ، ތިއީ އަޅުގަނޑުގެ ރަޙްމަތްތެރިޔާ." ކުކްގެ ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.

ކުކް ގެންދަވަނީ ޖޮބްސް ދޫކުރައްވާފައިވާ އޭނާގެ ވާރުތަ މުދާ ވެސް ރައްކާތެރި ކަމާއެކު ބަލަހައްޓަވަމުނެވެ. އެޕަލްގެ ކުރީގެ މައި އޮފީސް، ކެލިފޯނިއާގެ ކުޕަޓީނޯގައި ހުންނަ ވަން އިންފިނިޓް ލޫޕްގައި ހުންނަ ޖޮބްސްގެ އޮފީހަށް އާދަވެގެން ކުކް ޒިޔާރަތްކުރައްވައެވެ. ޖޮބްސް އަވަހާރަވީއްސުރެ އެ އޮފީހަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ކުކް ވިދާޅުވީ ޖޮބްސްގެ ވިސްނުންތަކަކީ އެޕަލްގެ އަސާސީ އަގުތައް ކަމަށެވެ. 1998 ވަނަ އަހަރު ޖޮބްސްއާ ކުކް ބައްދަލުކުރެއްވިއިރު، އެޕަލްގެ މުސްތަޤްބަލާ މެދު ގިނަ ބަޔަކު ޝައްކުކުރި ނަމަވެސް، ޖޮބްސް ވަނީ ކުކް އެޕަލްއާ ގުޅުވައިފައެވެ. ޖޮބްސްގެ ދުރުވިސްނުމާއި ޝައުޤުވެރިކަމުގެ ސަބަބުން އެޕަލް ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑްތަކުގެ ތެރޭގައި ހިމެނިފައެވެ.

ސްޓީވް ޖޮބްސްވަނީ އެޕަލް ކޮމްޕިއުޓާ ކޯ-ފައުންޑާ ކަމަށްވާ ސްޓީވް ވޮޒްނިއެކްއާ ގުޅިގެން 1976 ވަނަ އަހަރު އެޕަލް ކުންފުނި އުފައްދަވާފައެވެ.

ޖޮބްސްގެ ލީޑަޝިޕްގެ ދަށުން އެޕަލް ވަނީ އައިމެކް، އައިޕޮޑް، އައިފޯން އަދި އައިޕެޑް ފަދަ އިންޤިލާބީ އުފެއްދުންތައް ތައާރަފްކޮށްފައެވެ. އޭނާގެ ދުރުވިސްނުމާއި ޑިޒައިނަށް ދެއްވި ސަމާލުކަމުގެ ސަބަބުން ޓެކްނޮލޮޖީ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ.

ޖޮބްސް އަވަހާރަވުމަށްފަހު، ޓިމް ކުކް އެޕަލްގެ ސީއީއޯގެ މަޤާމަށް ވަޑައިގެންނެވިއިރު، އޭނާގެ ލީޑާޝިޕްގެ ދަށުން ވެސް އެޕަލް ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ.

ސްޓީވް ޖޮބްސްގެ ހަނދާނުގައި ޓިމް ކުކް ކުރެއްވި ޕޯސްޓާއެކު، އެޕަލްގެ ގިނަ މުވައްޒަފުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެޕަލްގެ ޔޫޒަރުން ވެސް ޖޮބްސްއަށް ހެޔޮއެދުންތައް ރައްދުކޮށްފައިވެއެވެ.

ޖޮބްސްއަކީ އަބަދުވެސް އޭނާގެ އީޖާދީ ވިސްނުމާއި ޓެކްނޮލޮޖީ ދުނިޔެއަށް ދެއްވި ބޮޑެތި ހިދުމަތްތަކުގެ ސަބަބުން ހަނދާންކުރެވޭނެ ޝަޚްސިއްޔަތެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

comment ކޮމެންޓް