ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތްކޮށް، ގަވައިދާ ޚިލާފަށް އިތުރު ބިދޭސީން ރާއްޖެ ގެނެސް، އެފަދަ މަސައްކަތްތަކުން އަށް މިލިއަން ރުފިޔާ ހޯދި ބިދޭސީ މީހާގެ އަދަބު ލުއިކޮށްދީ، ދެ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ މެއި މަހު ފުލުހުން ވަނީ، ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށް, ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި, މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލައިގައި ތުހުމަތުވާ އިމިގްރޭޝަން އޮފިސަރުންނާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް، އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅޭ އިތުރު މައްސަލައެއް ވެސް ހިއްސާކޮށްފައެވެ.
އެގޮތުން އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅިގެން ގާނޫނާއި ގަވައިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށް ކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑާކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއެއްގެ ވަނަވަރު ވަނީ ހާމަކޮށްފައެވެ.
އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސައިން، 34އ، އެވެ.
އޭނާ މާލެ އައިސްފައި ވަނީ 2019 ވަނަ އަހަރެވެ.
ތަހުގީގަށް ޝަހާދަތުގެ ފަރާތުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި އޭނާގެ ބީއެމްއެލް ރުފިޔާ ތިން އެކައުންޓާއި، ޑޮލަރު ތިން އެކައުންޓު ހުޅުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ރާއްޖެ އައީ 2،000 ޑޮލަރު ލިބޭ ގޮތަށް އެކައުންޓް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އެއަށްފަހު އޭނާގެ ވޯކް ޕާމިޓް އިތުރުކޮށް، 3،000 ޑޮލަރު ލިބޭ ގޮތަށް ''އޮފީސް ބޯއި''އެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ ކަމަށް ހުކުމުގައިވެއެވެ.
ޝަހާދަތުގެ ޕާމިޓް އިތުރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27އަށް ނަމަވެސް އޭނާ އިތުރަށް ހުއްދަ ހޯދުމެއް ނެތި މަސައްކަތް ކުރި ކަމަށް ހުކުމުގައިވެއެވެ. އަދި އޮކްޓޫބަރު 1، 2019އިން ފެށިގެން އޭނާ ހުއްދައިގެ ބޭރުން، 'އެމްޕްލޯއިމެންޓް އޭޖެންސީ"އެއް ހިންގާ އުސޫލުން، ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ރެކްރޫޓް ކުރި ކަމަށް މައްސަލައިގައިވެއެވެ. އޭނާ ވަނީ، ރާއްޖޭގައި ވަޒީފާ ދޭ ކުންފުނިތަކާއި ފަރާތްތައް ތަމްސީލުކޮށްދޭ މީހެއްގެ ގޮތުގައި މަސައްކަތްކޮށް، އިކޮނޮމިކް މިނިސްޓްރީގެ ނަމުގައި ސައްހަ ނޫން ވޯކް ޕާމިޓްތައް ވެސް ހަދައިފައި ކަމަށް ދައުވާތަކުގައިވެއެވެ.

އިމިގްރޭޝަން އޮފިސަރުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން: އިމިގްރޭޝަން އޮފިސަރުންތަކެއް ހިމެނޭ ގޮތަށް، ގާނޫނާއި ގަވައިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކުރުމުގެ މައްސަލައެއް ފެންމަތިވެފައިވޭ -- ފޮޓޯ/ އިމިގްރޭޝަން
އެ މައްސަލައިގައި އޭނާގެ މައްޗަށް ފަސް ދައުވާއެއް ކުރިއެވެ. އެއީ މަނީ ލޯންޑަރިންއާއި ރިޝްވަތު ދިނުމާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމާއި އެނގިހުރެ ސަައްހަ ނޫން ލިޔުން ދިނުމުގެ ދެ ދައުވާއެވެ. އެ މައްސަލައިގައި ދައުލަތުން އޮތީ، އޭނާ ހުއްދަ ނެތި މަސައްކަތްކޮށްގެން ހޯދި އަށް މިލިއަން ރުފިޔާ ނަގައިދިނުމަށް ވެސް ކޯޓުގައި އެދިފައެވެ.
އެ މައްސަލައިގައި އަންގާރަ ދުވަހު ކޯޓުން ކުރި ހުކުމުގައި ވަނީ، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ޝަހާދަތުއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައިވާކަން ފާހަގަކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ.
އެ މައްސަލައިގައި ޝަހާދަތަށް ކުރި ދަައުވާތަކާއި، ޕީޖީއާއެކު ހެދި އެއްބަސްވުމުގެ ދަށުން އަދަބު ލުއިކުރި ގޮތް:
މަނީ ލޯންޑަރިން
- ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބު: ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއި އެއް ލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
- އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅި އަދަބު: ދެ އަހަރާއި ހަ މަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 53،400 ރުފިޔާއިން ޖޫރިމަނާކުރުން
ރިޝްވަތު ދިނުން
- ގާނޫނުގައި ކުށަށް ކަނޑައަޅައިފައިވާ އަދަބު: ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުން
- އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅި އަދަބު: ހަ މަސް ދުވަހަށް ޖަލަށްލުން، 21،600 ރުފިޔާއިން ޖޫރިމަނާކޮށްފި
އެ އެއްބަސްވުމުގެ ދަށުން ޕީޖީ އޮފީހުން ވަނީ، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާ އަނބުރާ ގެންގޮސްފައެވެ.
ޝަހާދަތަށް ހުކުމް ކުރުމުގައި، އޭނާ ބަންދުގައި ހޭދަކޮށްފައިވާ 10 މަހާއި 17 ދުވަަހަށް ރިއާޔަތްކޮށް، އެ ދުވަސްތައް ހުކުމުން ވަނީ އުނިކޮށްފައެވެ.
އެހެންވެ، އޭނާއަށް ކޮށްފައިވަނީ ދެ އަހަރާއި އެއް މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އޭނާއަށް ކޮށްފައިވަނީ 75،000 ރުފިޔާގެ ޖޫރިމަނާއެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޝަމްއާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކާއެކު މިދިޔަ ރޯދަ މަހުން ފެށިގެން އޭނާ ހުރީ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ، ނުވަ އަހަރަށް ވުރެ ދިގު މުއްތެއްގެ ހުކުމެއް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މި ސަރުކާރުގެ އަމާޒަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ތިން އަހަރު ތެރޭ ހައްލު ކުރުމެވެ. އެގޮތުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން، އެކި މުއައްސަސާތައް ހިމެނޭ ޓާސްކްފޯހެއް އުފައްދައިފައިވާއިރު، ބިދޭސީން ހޯދަން ބޮޑެތި އޮޕަރޭޝަންތައް ކުރިއަށްގެންދެއެވެ.