ބިދޭސީންގެ ފީއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުދީ ހުރި ފައިސާ ދިނުމަށް ސެޓްލްމެންޓް އެގްރިމެންޓް ހަދައިފައިވާ މީހުންގެ ތެރެއިން، ގަވައިދުން ފައިސާ ދައްކާ މީހުންނަށް މުއްދަތު އިރުކޮށްދިނުމަަށް ހޯމް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސެލްޓްމަންޓް އެގްރީމަންޓުގެ ދަށުން ފީތައް ދައްކާ ގިނަ އަދަދެއްގެ ވަޒީފާދޭ މީހުންނަށް އެ މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދައްކައި ޚަލާސްކުރުމަށް ދަތިތައް ހުރިކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރާ ކުރަނގި އޮޕަރޭޝަންގެ ތެރެއިން: އަންނަ ހުކުރުން ފެށިގެން ބިދޭސީންގެ ފީތައް ގަވައިދުން ދައްކާ މީހުންނަށް މުއްދަތު އިތުރުކޮށް ދެނީ -- ސަން ފޮޓޯ: މޫސާ ނަދީމް
އެހެންވެ، އަންނަ ހުކުރު ދުވަހުން ފެށިގެން ގަވައިދުން ބިދޭސީންގެ ފީތައް ދައްކާ މީހުންނަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކަން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ، އެއްބަސްވުމަށް ގެންނަ ބަދަލުތަކުގެ ތަފުސީލު އެކްސްޕެޓު ސިސްޓަމްގެ ހޯމް ޕޭޖު މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އަދި، މިދިޔަ މުއްދަތުގައި ސެޓްލްމަންޓު އެގްރީމަންޓުގެ ދަށުން އެއްވެސް ފައިސާއެއް ނުދައްކާ މީހުންނަށް އިތުރު އެއްްބަސްވުމެއްގެ ދަށުން ފުރުސަތެއް ނުލިބޭނެކަން މިނިސްޓްރީން ފާހަގަކުރިއެވެ.
ބިދޭސީންގެ ފީތަކުގެ ގޮތުގައި ސަރުކާރަށް ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށީ، މިދިޔަ އަހަރުގެ ޖޫން މަހުގެ ތިނެއްގައެވެ. މިމަހު ދެވަނަ ދުވަހު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ، ބިދޭސީންގެ ފީތަކުގެ ގޮތުގައި ނުލިބި އޮތް 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ އެހާތަނަށް ދައުލަތަށް ހޯދިފައިވާ ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވެ މާ ގިނަ ދުވަސްތަކެއް ނުވެ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހަރަކާތެއް ފެށިއެވެ.
މިދިޔަ މަހު 24ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އެ ހަރަކާތުގެ ތެރެއިން 178،982 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. އޭގެފަހުން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ވަނީ، ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް ގައުމީ އޮޕަރޭޝަނެއް ފަށާފައެވެ.
މި ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ.