ބައިލައްކަ ރުފިޔާ ހުރި ފޮއްޓެއް ޖެޓީ ކައިރިން 'ގެއްލުމުން'، ފުލުހުން 30 މިނެޓުން ހޯދައިފި

ފުލުހުން ހޯދި ފޮއްޓާއެކު: އެ ފޮށީގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހުރި -- ފޮޓޯ/ ފުލުހުން

ބައިލައްކައަށްވުރެ ގިނަ ފައިސާ ހުރި ފޮއްޓެއް އިއްޔެ މާލެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރިތާ ގާތްގަނޑަކަށް 30 މިނެޓް ތެރޭ ފޮށި ހޯދައިފިއެވެ.

ފުލުހުން ބުނީ، އިއްޔެގެ މެންދުރު ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގައި ގެއްލިފައިވަނީ ރިސޯޓެއްގެ ސްޓާފް ޝޮޕްގެ ސެޕްޓެމްބަރު މަހުގެ ސޭލްސް ފައިސާކަމަށްވާ 53،000 ރުފިޔާ ހުރި ފޮއްޓެއް ކަމަށެވެ.

އެ ފޮށި ގެއްލިފައިވަނީ އެ ރިސޯޓުން މާލެ އައި ލޯންޗު ހުޅުމާލެ ފެރީ ޓާމިނަލް ކައިރީ ހުންނަ ޖެޓީ ސަރަހައްދަށް، ފައިސާތަކާއެކު ބާލައިފައި ވަނިކޮށް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ހޭންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ފޮށި ހޯދުމަށް ސީސީޓީވީ ކެމެރާ ފުޓޭޖްތައް ބެލި ކަމަށެވެ. އަދި އެ މަސައްކަތުން، މައްސަލަ ހުށަހެޅިތާ 30 މިނިޓެއް ހާއިރުތެރޭގައި އެ ފޮށި ހޯދައިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

"މި ފޮށި ފެނިފައިވަނީ އެހެން ލޯންޗަކަށް އަރުވާފައިވަނިކޮށެވެ." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށެވެ.

ރާއްޖޭގައި ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅަނީ ވައްކަމުގެ މައްސަލަތައް ކަމަށްވާއިރު މި އަހަރު އެކަނިވެސް 2،573 މައްސަލަ ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް