ކެއްސާތީ ދިން ބޭހަކުން އިންޑިއާގައި 9 ކުދިން މަރުވެއްޖެ

އިންޑިއާގައި އުފައްދާ ކެއްސާތީ ދޭ ބޭހެއް ބޮއެގެން ކުދިން ތަކެއް ވަނީ މަރުވެފައި. ފޮޓޯ/ގެޓީ

ކެއްސާތީ ދޭ ބޭހެއް ބޮއެގެން އޮގަސްޓް މަހު ފަހުކޮޅުން ފެށިގެން އިންޑިއާގެ މަދްޔަ ޕްރަދޭޝްއާއި ރާޖިސްތާންގެ ސްޓޭޓްތަކުން ފަސް އަހަރުން ދަށުގެ ނުވަ ކުދިން މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

"ކޯލްޑްރިފް" ކިޔާ އެ ބޭހުގެ ބެޗެއްގައި ނުރައްކާތެރި މިންވަރަށް ވިހަ ކެމިކަލެއް ހުރިކަން ފާހަގަވެފައިވާތީ، މައްސަލަ ތަހުގީގުކުރަން ފެޑެރަލް މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާއިން ވަނީ އަމުރުކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ, ޓަމިލް ނާޑޫގެ ދެކުނު ސްޓޭޓުގައި ހުންނަ ސްރެސަން ފާމާއިން އުފައްދާފައިވާ އެ ބޭހުގެ ސާމްޕަލްތައް އެ ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން ޓެސްޓް ކުރިއިރު ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް ޑައިތިލިން ގްލައިކޮލް (ޑީއީޖީ) ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

ކާންޗީޕޫރަމްގައި ހުންނަ ސްރެސަން ފާމާގެ މެނުފެކްޗަރިން ސައިޓުން ނަގާފައިވާ ސާމްޕަލްތަކުގައި ޑީއީޖީ ތަޣައްޔަރުވެފައިވާކަން ޓާމިލް ނާޑޫގެ ޑުރަގު ރެގިއުލޭޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މަދްޔަ ޕްރަދޭޝްގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެމްޕީއެފްޑީއޭ) އިން ތަހުލީލުކުރި 13 ސާމްޕަލްގެ ތެރެއިން ތިން ސާމްޕަލް ޑީއީޖީ ފެނިފައިނުވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ޑީއީޖީއަކީ ސިނާއީ ސޮލްވެންޓްތަކުގައި ބޭނުންކުރާ ވިހަ މާއްދާއެއްކަމުން ކުޑަ މިންވަރަކަށް ވެސް ކެއުމުން މަރުވެދާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބޭސް ބުއި ކުދިން މަރުވެފައިވަނީ ބޭސް ދިން ފަހުން ކިޑްނީގައި އިންފެކްޝަން އުފެދި ކިޑްނީ ފެއިލްވެގެންނެވެ.

ފާއިތުވި 15 ދުވަސް ތެރޭގައި އެ ބޭސް ބޮއެގެން މަދްޔަ ޕްރެދޭޝްއިން ހަ ކުދިން މަރުވީ ކިޑްނީ ފެއިލްވެގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެ ބޭސް ބޮއެގެން ރާޖިސްތާނުގައި ވެސް ދެ ކުއްޖަކު ވަނީ މަރުވެފައެވެ. އެ ސްޓޭޓްގައި މި ބޭހުން ކުދިން މަރުވެ އަދި ބަލިވި މައްސަލައިގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން އެއީ ރައްކާތެރި ބޭހެއްކަން ކަށަވަރުކޮށްދޭން އެ މީހުންގެ ކުރިމަތީ ބޭސް ބުއި ސީނިއާ ޑޮކްޓަރަކު އޭގެ އިރުކޮޅެއް ފަހުން އޭނާގެ ކާރު ތެރޭ ޚަބަރު ހުސްވެފައި އޮއްވައި ވެސް ފެނިފައިވެއެވެ.

އެންމެ ގިނަ ކުދިން މަރުވެފައިވާ މަދްޔަ ޕްރަދޭޝްގައި އެ ބޭސް ވިއްކުން މިހާރު މަނާކޮށްފައިވާ ކަމަށް ޗީފް މިނިސްޓަރު މޯހަން ޔާދާވް ވިދާޅުވިއެވެ. ޓަމިލް ނާޑޫއާއި ކެރެލާ ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން ވެސް އެ ސަރަހައްދުތަކުގައި މި އުފެއްދުން މަނާކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އިންޑިއާގައި މީގެ ކުރިން ވެސް ވަނީ ކެއްސާތީ ދޭ ބޭހުގައި މިފަދަ މައްސަލަތައް ދިމާވެ ކުދިން މަރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް