ކެއްސުމަށް ދޭ ބޭހެއް، ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވިގެންވާ ގޮތަކަށް އުފައްދަމުން އައި އިންޑިއާގެ ކުންފުނި، ސްރެސަން ފާމަސޫޓިކަލްގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.
ސްރެސަން ފާމަސޫޓިކަލްގެ ބޭސް ބުއިމާ ގުޅިގެން، އިންޑިއާގެ މަދުޔަ ޕްރަދޭޝްގެ އުމުރުން ފަސް އަހަރުން ދަށުގެ 17 ކުއްޖަކު މަރުވެފައިވެއެވެ. އެ ބޭހުގައި، ކެމިކަލެއް ހުންނަން ޖެހޭ ވަރަށްވުރެ 500 ގުނަ އިތުރަށް ހުރި ކަމަށް ވަނީ ފާހަގަވެފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ކުންފުނީގެ ވެރިޔާ އެސް.ރަންގަނާތަން އެވެ. އަދި އެ ބޭސް ލިޔެދިން ޑޮކްޓަރު ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައިވެއެވެ.
މި މައްސަލައިގައި ކުންފުނީގެ މައްޗަށް ކުރަނީ އެ ކުންފުނިން ކުރި ކަމަކުން މީހުން މަރުވުމުގެ ތުހުމަތެވެ. އަދި ގަޑުބަޑުކޮށްގެން ބޭސް އުފެއްދުމާއި ވިއްކުމުގެ ތުހުމަތު ވެސް ޑްރަގްސް އެންޑް ކޮސްމެޓިކްސް އެކްޓުގެ ދަށުން ކޮށްފައިވެއެވެ.
ކުށް ސާބިތުވެއްޖެ ނަމަ އެ ކުންފުންޏާއި އެ ކުންފުނީގެ އިސްވެރިންނަށް ޖޫރިމަނާގެ އިތުރުން އުމުރު ދުވަހާ ހަމައަށް ޖަލު ހުކުމް އަންނާނެއެވެ.
އިންޑިއާގެ ގާނޫނުގައިވާ ގޮތުން ބޭސް އުފައްދާ ފަރާތްތަކުން ކޮންމެ ބެޗެއްގެ ރޯ މެޓީރިއަލް އާއި ފައިނަލް ޕްރޮޑަކްޓް ޓެސްޓް ކުރަން ޖެހެއެވެ.
އިންޑިއާއިން އުފައްދާ ބޭހެއްގެ ސަބަބުން ގެމްބިއާ، އުޒްބެކިސްތާން އަދި ކެމަރޫންގައި ކުދިންތަކެއް މަރުވި މައްސަލައަކާ ގުޅިގެން، އެ ގައުމުން ބޭސް ބޭރުކުރުމާ ގުޅޭ ގަވައިދުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރުން ފެށިގެން، ކެއްސުމަށް ދޭ ބޭސް ސަރުކާރުން އަންގާ ލެބޯޓްރީތަކުގައި ޓެސްޓުކޮށްގެން ނޫނީ އެކްސްޕޯޓް ނުކުރެވެއެވެ.
މަރުވި ހުރިހާ ކުދިންނަކީވެސް ސްރެސަން ކުންފުނިން އުފައްދާ 'ކޯލްޑްރިފް' ބޭސް ބޭނުން ކުރި ކުދިންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހެދި ޓެސްޓުތަކުން އެ ބޭހުގައި ނުރައްކާތެރި ކެމިކަލް ހުރިކަން ކަށަވަރުވުމުން އިންޑިއާގެ ބައެއް ހިސާބުތަކުގައި އެ ބޭސް ވަނީ މަނާކޮށްފައެވެ.
'ދުނިޔޭގެ ފާމަސީ'ގެ ނަމުން މަޝްހޫރު އިންޑިއާ އަކީ އެމެރިކާ އާއި ޗައިނާއަށް ފަހު ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ބޭސް އުފައްދާ ގައުމެވެ.