ދިފާއީ ގޮތުން އެއްބާރުލުން އިތުރުކުރަން އިންޑިއާއާ މަޝްވަރާކޮށްފި

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންހް: ދިފާއީ ގޮތުން އެއްބާރުލުން އިތުރުކުރަން މަޝްވަރާކުރެއްވި -- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާއީ އެއްބާރުލުން އިތުރުކުރަން މިއަދު މަޝްވަރާކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، އިންޑިއާއާ އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން އަހަރަކު އެއް ފަހަރު ބާއްވާ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގެ ވަފުދާ މިނިސްޓަރު ޣައްސާން މައުމޫން ބައްދަލުކުރައްވައިފައިވާ ކަމަށެވެ.

އެ ވަފުގައިި އިސްކޮށް ހުންނަވަނީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންހެވެ. އެ ބައްދަލުވުމުގައި އިންޑިއާގެ ހައިކޮމިޝަނަރު ޖީ ބަލަސުބްރަމާނިއަންއާއި އަސްކަރިއްޔާއާއި އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާއާއި ރާއްޖޭގެ ޑިފެންސް އޮފިޝަލުންގެ ބައްދަލުވުން: ދިފާއީ ގޮތުން އެއްބާރުލުން އިތުރުކުރަން މަޝްވަރާކުރެއްވި -- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

އެ ބައްދަލުވުމުގައި މަޝްވަރާކުރީ ދިފާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރަން ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އިންޑިއާއާއި ރާއްޖެއިން ބާއްވާ ހަވަނަ ޑިފެންސް ކޯޕަރޭޝަން ޑައިލޮގަށް އެ ގައުމުގެ ވަފުދު ރާއްޖެ އައީ އިއްޔެއެވެ. އެ ވަފުދަށް މަރުހަބާ ކިޔުމަށް ރޭ ހަފުލާއެއް ބާއްވައިފައިވާއިރު، އެ ހަފުލާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ބައިވެރިވެވަޑައިގަތެވެ.

އަސްކަރީ ގޮތުންނާއި އެހެނިހެން ދާއިރާތަކުން ވެސް އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން އެހީވާ އެއް ގައުމެވެ.

މި ސަރުކާރު ވެރިކަމަށް އައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި، ބޮޑު ކެމްޕޭނެއް ކުރިއަށްގެންދިޔުމަށްފަހުގައެވެ. އެ ވައުދު ފުއްދުމަށް އިންޑިއާ ސިފައިން ފޮނުވާލައި، އެ މީހުން އޮޕަރޭޓް ކުރަމުން އައި އުޅަނދުތައް ދުއްވަން އިންޑިއާގެ މަދަނީން ގެނެސްފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

އިންޑިއާ އައުޓް ކެމްޕޭނާ ގުޅިގެންނާއި، މި ސަރުކާރުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ، ނަމަވެސް އޭގެ ފަހުން ގުޅުން ރަނގަޅު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ފަހަރަކު އިންޑިއާއަށް ވަޑައިގަތެވެ. އަދި މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައި މޯދީ ރާއްޖެ ވަޑައިގަތެވެ.

comment ކޮމެންޓް