އެމްޑީޕީން "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ރޭ ބޭއްވި އެއްވުމުގެ ތެރޭގައި ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗުން ފަރުވާ ހޯދަމުން އަންނަ އެ ޕާޓީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާންގެ ހާލަތު ބަޔާންކޮށް އެ ހޮސްޕިޓަލުން ބަޔާން ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް، ވަކީލުން ވިދާޅުވެއްޖެއެވެ.
އައިސީޔޫގައި ފަރުވާދިނުމަށްފަހު ރަސްލާން ސީސީޔޫއަށް ބަދަލުކޮށް އެނދުމަތިކުރުމަށްފަހު ފަރުވާދެމުން އަންނަ ކަމަށާއި، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، މިރޭ އައިޖީއެމްއެޗުން ނެރުނު ބަޔާނުގައިވެއެވެ.
އައިޖީއެމްއެޗްގެ މި ބަޔާނަށް ގިނަ އާންމުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި މި ބަޔާން ގާނޫނާ ޚިލާފުކަމަށް ވެސް ބައެއް ވަކީލުން ވިދާޅުވިއެވެ.
އެގޮތުން، ސިއްހީ ޚިދުމަތްތެކޭ ބެހޭ ޤާނޫނުގައި، ބަލި މީހާގެ ސިއްހީ ހާލަތާއި އޭނާއަށް ދީފައިވާ ނުވަތަ ދެވޭނެ ފަރުވާއާއި އެ ނޫން ވެސް މައުލޫމާތަކީ ސިއްރު މައުލޫމާތުތަކެއްކަން ބަޔާންކޮށްފައިވާ މާއްދާގެ ސްކްރީންޝޮޓެއް، ބާ ކައުންސިލްގެ ނައިބު ރައީސް އަދި ޤާނޫނީ ވަކީލު އިބްރާހީމް ޝަމީލް ވަނީ 'އެކްސް'ގައި ހިއްސާކުރައްވައިފައެވެ.
އެ މާއްދާގައިވާ ގޮތުން ބަލިމީހާގެ ހުއްދަ ލިބިގެން، ނުވަތަ ކޯޓު އަމުރެއްގެ ދަށުން، ނުވަތަ ޤާނޫނަކުން ލިބިދޭންޖެހޭ މައުލޫމާތެއް އެ ޤާނޫނަކުން ފޯރުކޮށްދިނުމަށް ލާޒިމްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން، ނުވަތަ ބަލިމީހާގެ އެއްވެސް ސިއްހީ ރެކޯޑެއް ބަލަން ބޭނުންވެގެން އެ މައުލޫމާތު ހޯދަން އެދުމުން ނޫނީ ބަލިމީހާގެ ސިއްހީ ހާލަތު ބަޔާނެއް ނުކުރެވޭނެއެވެ.
އެ މާއްދާއާ ޚިލާފަށް ބަލިމީހާގެ މައުލޫމާތު އާންމުކުރާ މީހުން 10،000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދު ޖޫރިމަނާކުރުމުގެ އިތުރުން، މި އަމަލު ތަކުރާރުކުރާނަމަ އެއް އަހަރު ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށްވެސް އެ މާއްދާގައިވެއެވެ.
މިރޭ އައިޖީއެމްއެޗުން ނެރުނު ބަޔާނަކީ ސިޔާސީ ބަޔާނެއްގެ ގޮތުގައި، އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ ޕާޓީގެ މެންބަރުން ވަނީ ސިފަކޮށްފައެވެ.
އައިޖީއެމްއެޗުން މިރޭ ނެރުނު މި ބަޔާނުގައިވާ ގޮތުން، ހާޓް އެޓޭކް ޖެހެނީ ސިއްހީ ކޮންމެވެސް ސަބަބަކާ ހެދި ހިތުގެ ލޭ ހޮޅިތައް ނުވަތަ ހޮޅިއެއް ބެދި ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށާއި، މިހެން އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކުގެ ސަބަބުންނެވެ.
ޕެޕާ ސްޕްރޭގެ ސަބަބުން ވަގުތީގޮތުން ނޭވަޔަށް އުނދަގޫކޮށް ކެއްސުން ފަދަ މައްސަލަތައް ދިމާވި ނަމަވެސް، އެއީ ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭފަދަ ކަމެއް ނޫން ކަމަށާއި، ނަމަވެސް ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން ހާޓް އެޓޭކް ޖެހޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ނަމަވެސް ރޭގެ އެއްވުމުގައި ހާޓް އެޓޭކް ޖެހުނު ރަސްލާން ހޮސްޕިޓަލަށް ގެންދިޔައީ މުޒާހަރާގެ ތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން ހާސްވެގެން ކަމަށް، އެމްޑީޕީގެ ގާނޫނީ ވަކީލަކު 'ސަން'އަށް ރޭ ވިދާޅުވިއެވެ.
ދޭތެރެއަކުން ބައެއް ކޭސްތަކާ ގުޅިގެން އައިޖީއެމްއެޗުން ބަޔާން ނެރެއެވެ. އެ ފަދަ ބަޔާންތަކުގައި ބަލި މީހުންގެ ނަން ފަދަ ޒާތީ މައުލޫމާތު ހާމަކޮށްފައި ނުހުރެއެވެ. އަދި މީޑިއާ މައުލޫމާތު ދޭއިރު ވެސް ބަލިމީހާގެ ހާލުގެ އިތުރަށް، ދެމުން އަންނަ ފަރުވާއާއި އަނިޔާގެ ތަފްސީލް ވެސް ނުދެއެވެ.