ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކޮށް، ގައުމުގެ ވެރިކަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާ ހަވާލުކުރަން، ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، "ލޫޓުވައިފި" ނަމުގައި ރޭ އެ ޕާޓީން ބޭއްވި އެއްވުމުން ފެނިގެން ދިޔައީ އާންމުން ހުދުމުޚުތާރު ވެރިކަމަކަށް ޖާގަ ދޭން ބޭނުންނުވާ މަންޒަރު ކަމަށެވެ.
ދައުލަތުގެ ބާރުތަކާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ރައީސް ހިފަހައްޓަވައި، ސަރުކާރުން ބޭނުން ގޮތެއް ހަދަން ރައްޔިތުން ދޫކޮށްލައިގެން ތިބޭނެކަމަށް އެމަނިކުފާނަށް ހީފުޅުވިޔަސް، ރައްޔިތުން ތިބީ ހައްގުތައް ދިފާއުކުރުމުގައި ކަމަށް، ފައްޔާޒް ވިދާޅުވިއެވެ.
ހަމަ އެއާއެކު، ނައިބު ރައީސް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެ، ރައީސް މަގާމުން ދުރުކުރަން ފައްޔާޒް ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ގޮވާލައްވައިފައެވެ.
"މި ފުރުސަތުގައި ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މިހާރު މިހިރަ ނުބައި، އަނިޔާވެރި ގަމާރު ތަންދޮރު ނޭނގޭ، މުޅި ދިވެހިރާއްޖޭގެ އިގްތިޞާދާއި މުޅި ދިވެހިރާއްޖޭގެ ދައުލަތް ފުނޑުފުނޑުކޮށްލަމުން މިދާ ޑރ. މުއިއްޒު އަޒުލްކުރައްވައި ނައިބު ރައީސާ ވެރިކަން ވަގުތުން ހަވާލުކުރުމަށް އަޅުގަނޑު ގޮވާލަން،"
އެމްޑީޕީން ރޭ ބޭއްވި އެއްވުމަކީ ނިރުބަވެރި ހަރަކާތެއް ކަމަށް ސިފަކުރައްވައި ނައިބު ރައީސް 'ފޭސްބުކް'ގައި ލިޔުއްވި ޕޯސްޓަށް އިޝާރާތްކުރައްވައި، އެއީ އެމަނިކުފާނު ޕްރެޝަރުގައި ހުންނަވައި ލިޔުއްވި ޕޯސްޓެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ނައިބު ރައީސް މިއަދު ލިޔުއްވިގޮތުގައި އެމްޑީޕީގެ އެ އެއްވުމަކީ ސުލްހަވެރި އިހުތާޖެއްޖެގެ ނަމުގައި ގައުމު ހަލަބޮލިކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
"އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި، ޚިޔާލު ފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ސިފަކުރަން،" އެމަނިކުފާނުގެ ޕޯސްޓުގައިވެއެވެ.
މިއީ އެތައް ރައްޔިތުންތަކެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިއުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށަހަޅައި، އެމްޑީޕީގެ އިސްބޭފުޅުން ގަސްދުގައި ހިންގެވި ފިނޑި އަމަލެއް ކަމަށް ވެސް، އެމަނިކުފާނު ލިޔުއްވާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ރައީސަށް އިއްވި ޑިމާންޑުތަކާ އެއްގޮތަށް ކަންކަން ރަނގަޅުނުކުރާ ނަމަ، ސަރުކާރަށް ދެ އަހަރު ފުރޭ ދުވަސް ކަމަށްވާ އަންނަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހާ ދިމާކޮށް ބޮޑު އެއްވުމެއް ބާއްވަން، އެ ޕާޓީން ވަނީ މިރޭ ފާސްކޮށްފައެވެ.