އެމްޑީޕީގެ އެއްވުމަކީ ގާނޫނީ ވެރިކަމާ ދެކޮޅަށް ހިންގި "ނިރުބަވެރި" ހަރަކާތެއް: ނައިބު ރައީސް

ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން: އެމްޑީޕީން ރޭ ހިންގީ ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ވަނީ ސިފަކުރައްވައިފަ -- ފޮޓޯ/ ރައީސް އޮފީސް

"ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި މައި އިދިކޮޅު ޕާޓީ އެމްޑީޕީން ރޭ ބޭއްވި އެއްވުމަކީ ގާނޫނީ ވެރިކަމާ ދެކޮޅަށް ހިންގި ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސިފަކުރައްވައިފިއެވެ.

'ފޭސްބުކް'ގައި ނައިބު ރައީސް މިއަދު ލިޔުއްވާފައިވާ ގޮތުގައި، އެމްޑީޕީގެ އެ އެއްވުމަކީ ސުލްހަވެރި އިހުތާޖެއްޖެގެ ނަމުގައި ގައުމު ހަލަބޮލިކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

"އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި، ޚިޔާލު ފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ސިފަކުރަން،" ނައިބު ރައީސްގެ ޕޯސްޓުގައިވެއެވެ.

އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި، މިއީ އެތައް ރައްޔިތުންތަކެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިއުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށަހަޅައި، އެމްޑީޕީގެ އިސްބޭފުޅުން ގަސްދުގައި ހިންގެވި ފިނޑި އަމަލެކެވެ.

އަދި މިއީ އެމްޑީޕީން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި އެ ޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް، ނައިބު ރައީސް ލިޔުއްވާފައިވެއެވެ.

ރޭގެ އެއްވުމާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވަނީ އެމްޑީޕީގެ އެއްވުން ކުށްވެރިކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓްކުރައްވައިފައެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، މިއަދު 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ފުލުހުން އަމަލުކުރީ ޕްރޮފެޝަނަލްކޮށް ކަމަށާއި، ސޯލިހު ހެއްދެވީ އިތުރުފުޅު ކަމަށެވެ. އެ ޕޯސްޓުގައި ސައީދު ވަނީ ސޯލިހުގެ އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް ލިޔުއްވައިފައެވެ.

https://sun.mv/212220

ހަމަ އެހެންމެ ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވަނީ، އެމްޑީޕީން ރޭ ބޭއްވި އެއްވުމަކީ ގައުމު ހަލަބޮލިކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި "ގާނޫނީ ވެރިކަމެއްގެ ދިފާއުގައި" ރައްޔިތުން ތެދުވުމަށް ގޮވާލައްވައިފައެވެ.

https://sun.mv/212199

އެމްޑީޕީގެ ރޭގެ އެއްވުމުގެ ތެރެއިން ހަތް މީހަކު ހައްޔަރުކުރިއިރު، އެކަކު ވަނީ ރޭ ޝަރުތުކުރުމަށްފަހު ދޫކޮށްލައިފައެވެ. ބާކީ ތިބި މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެއެވެ. އެ ތިން މީހުން ވެސް ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން ވަނީ އާޓިފިޝަލް ބީޗުން ނުކުމެ މަޖީދީ މަގަށް މިސްރާބު ޖަހައިފައެވެ. އެކަމަކު، ފުލުހުން ވަނީ މަޖީދީ މަގަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. މުޒާހަރާ ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.

https://sun.mv/212217

ފުލުހުން ވަނީ އެއްވުމުގެ ތެރެއިން އަށް މީހަކު ހައްޔަރުކުރި ކަމަށް ބުނެފައެވެ. އަދި، އެމްޑީޕީން އަންނަނީ އެ މީހުންނަށް ވަކީލެއްގެ ހައްގު ވެސް ނުދޭ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހިމެނޭހެން އަންނަނީ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލަން ގޮވާލަމުންނެވެ.

comment ކޮމެންޓް