އިތުރު ކައުންސިލަރަކު ކުރިމަތިނުލުމުން، މާލޭގެ ޑެޕިއުޓީ މޭޔަރުކަން މީކާއީލަށް

މާލޭގެ އައު ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޒް --- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ފަސްވަނަ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމަށް މެދުހެންވޭރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް ވަނީ ހޮވިފައެވެ. އޭނާ މި މަގާމަށް ހޮވިފައިވަނީ އައު ކައުންސިލްގެ ފުރަތަމަ ޖަލްސާގައި އިތުރު އެއްވެސް ކައުންސިލަރަކު މި މަގާމަށް ކުރިމަތިލައްވައިފައި ނުވުމުންނެވެ. އެމްޑީޕީގެ އެތެރޭގައި ބޭއްވުނު އިންތިޚާބުގައި އިތުރު ތިން ކައުންސިލަރަކާ ވާދަކުރައްވައި މީކާއީލް ވަނީ ކުރިހޯއްދަވައިފައެވެ.

  • ޑެޕިއުޓީ މޭޔަރުކަމަށް ހޮވިފައިވަނީ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒެވެ.
  • އެމްޑީޕީގެ އެތެރޭގައި ބޭއްވި އިންތިޚާބުގައި މީކާއީލް ވަނީ 7 ވޯޓު ކާމިޔާބުކުރައްވައިފައެވެ.
  • ކައުންސިލްގެ ފުރަތަމަ ޖަލްސާގައި ޕީއެންސީގެ އެއްވެސް ކައުންސިލަރަކު މި މަގާމަށް ވާދަކުރައްވައިފައެއް ނުވެއެވެ.
  • މާލޭ ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން ތިއްބަވާ 18 ކައުންސިލަރުންގެ ތެރެއިން 16 ކައުންސިލަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.

އިތުރު އެހެން ބޭފުޅަކު ކުރިމަތިލައްވައިފައިނުވާތީ، މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް މެދުހެންވޭރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް ހޮވިއްޖެއެވެ.

މިއަދު އައު ދައުު ފެށުނު ފަސްވަނަ މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީން ހަތަރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އެއީ މީކާއީލްގެ އިތުރުން:

  1. މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ (ރިލޭ)
  2. މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ޙަނާ
  3. ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަހިއްޔާ

އެ ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ފަރާތުން ކައުންސިލަރުން ޑެޕިއުޓީ މޭޔަރުކަމަށް ހޮވަން ނިންމީ މީކާއީލެވެ. އެގޮތުން މީކާއީލަށް ހަތް ވޯޓު ލިބުނުއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޒާޔާއަށް ފަސް ވޯޓު، އަދި ރިލޭއާއި ޙަނާ، މިއިން ކޮންމެ ބޭފުޅަކަށް ލިބުނީ ދެ ވޯޓެވެ.

އެއަށް ފަހު، މިއަދު މެންދުރު ފަހު ބޭއްވި އައު ކައުންސިލުގެ އަލަތު ޖަލްސާގައި ވަނީ ޑެޕިއުޓީ މޭޔަރުކަމަށް މީކާއީލް ހޮވައިފައެވެ. ޕީއެންސީގެ ދެ ކައުންސިލަރުން މި ފަހަރު ތިއްބަވާއިރު، އޭގެން އެއްވެސް ކައުންސިލަރަކު ވާދަނުކުރެއްވުމުން، މީކާއީލް ވަނީ ޑެޕިއުޓީ މޭޔަރުކަމަށް ހޮވިފައެވެ.

https://sun.mv/222105

މިފަހަރު މާލޭ ސިޓީ ކައުންސިލުގައި މޭޔަރުގެ އިތުރުން، ޖުމުލަ 18 ކައުންސިލަރަކު ތިއްބަވައެވެ. އޭގެ ތެރެއިން 16 ކައުންސިލަރުން އެމްޑީޕީއަށް ނިސްބަތްވާއިރު، ދެ ކައުންސިލަރުން ނިސްބަތްވަނީ ޕީއެންސީއަށެވެ.

comment ކޮމެންޓް