ފުލުހުން އެއްވުން ރޫޅާލަން ބާރުގަދަ އަޑެއް ފޮނުވާ އާލާތް ނުވަތަ ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރުމުން ގިނަ ބަޔަކު ފާޑުކިޔަމުން އަންނަނިކޮށް، ފުލުހުން އަމަލުކުރީ ޒިންމާދާރުކޮށް ކަމަށް ބުނެ ސަރުކާރުން އިނގިރޭސި ބަހުން ބަޔާނެއް މިއަދު ނެރެފިއެވެ.
އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކުރުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ކަރުނަގޭހާއި އެލްއާރްއޭޑީ ބޭނުންކޮށްގެން އެއްވުން ރޫޅާލަން މަސައްކަތްކޮށްފައެވެ.
ސަރުކާރުން މިއަދު އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން އަންނަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ދެމުން ކަމަށެވެ. އެކަމަކު، އެއްވުންތައް ބާއްވަން ޖެހޭނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހުދޫދުތަކުގެ ތެރެއިން ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން، އޮކްޓޫބަރު އެއްވަނަ ދުވަހުން ފުލުހުން ވެސް އެގޮތަށް ނަސޭހަތްދިން ކަމަށާއި އެއްވުމަށް ވަކި ޚާއްސަ ރޫޓެއް ވެސް ހުއްދަ ދީފައި އޮތް ކަމަށް ބަޔާނުގައިވެއެވެ. އެހެން އޮއްވާ އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން މާލޭގެ އެންމެ ބާރު ބޮޑު މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކުރުން އެ ބަޔާނުގައި ވަނީ ކުށްވެރިކޮށްފައެވެ.
ސަރުކާރުން ބުނީ ފުލުހުން އަމަލުކުރީ ޒިންމާދާރުކަމާ އެކު އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ކަމަށެވެ.
"ގާނޫނުގައި ވާގޮތުގެ މަތިން ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ހައްގަށް ދިވެހި ސަރުކާރުން ފުރިހަމައަށް އިހުތިރާމުކުރަން،" ބަޔާނުގައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން އެހެން ބުނި ނަމަވެސް އެއްވުން ރޫޅާލަން އެލްއާރްއޭޑީ ބޭނުންކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެމްޑީޕީން ވަނީ އެ ކަމުގެ ސަބަބުން އެއްވުމުގައި ބައިވެރިވި އެތައް މީހަކާއި އާންމުންނެއްގެ އިވުމުގެ ހިއްސަށް އަސަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި، އެއީ ރާއްޖޭގައި ބޭނުންކުރުން މަނާ އާލާތެއް ކަމަށް ވެސް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ ޕާޓީން ބުނީ އެއްވުމުގެ ތެރެއިން މާ ކައިރިން ޕެޕާ ސްޕޭ ޖެހުމުގެ ސަބަބުންނާއި ތޫނު އަޑު ފޮނުވާ އާލާތް ބޭނުންކުރުމުގެ ސަބަބުން އެ ޕާޓީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެއްވުމުގެ ތެރެއިން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ވާގޮތުން 13 މީހުން ހައްޔަރުކުރި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެކަމަކު، އެ މީހުންގެ ތަފުސީލެއް ފުލުހުން ނުދޭ ކަމަށް ބަޔާނުގައިވެއެވެ. އަދި، އެ މީހުންނަށް ގާނޫނީ ވަކީލެއްގެ ހައްގު ވެސް ނުލިބޭ ކަމުގެ ކަންބޮޑުވުން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.